ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ.ޅައިމަގަށް ނަގޫރޯޅިއެއް އަރައި، ގެއްލުންތަކެއް ލިބިއްޖެއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނީ، އެ ރަށަށް ނަގޫރޯޅިއެއް އަރައި 4 ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް ފަރުވާދެމުންދާއިރު، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެ ރަށުގެ ކައުންސިލުން ދަނީ ކުރަމުން ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
ޅައިމަގަށް ނަގޫރޯޅިއެއް އަރައި ގެއްލުންތަކެއް ލިބުނުއިރު، މެޓް އޮފީހުން ވަނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ، މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.

