ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން ވ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ، މި އެލާޓް ނެރުނީ ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ. މި އެލާޓްގެ ވަގުތަކީ، މިއަދު 13:20 އިން 16:00އަށެވެ.
މީގެ ކުރިން، މިއަދު ވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ވެސް ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓް ނެރުނީ ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށެވެ.
ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ، މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ، އެކިވަރުގެ ގެއްލުންތައް ވެސް ދަނީ ލިބެމުންނެވެ. މިއަދު ޅ.ޅައިމަގަށް ނަގޫރޯޅިއެއް އަރައި، 4 ގެއަަކަށް ގެއްލުން ލިބިފައިވެއެވެ. އަދި މީހެއްގެ ބޯ ފަޅައިގެން ގޮސް، ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެއެވެ.
