މާލޭގެ ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކޮށްގެން ހައްޔަރުކޮށް، ހުކުމް ތަންފީޒުކޮށް ނިމުމުން ދޫކޮށްލިތާ ގިނަ ދުވަހެއް ނުވެ، އަނެއްކާވެސް އެ މިސްކިތުގެ ތެރޭގައި ބަރަހަނާވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގ. މާލޭހިޔާ 2، 02-13، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ.

މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި، އިއްޔެ ފުރުގާން މިސްކިތުގައި ލުހާ ނަމާދު ކުރަން ހުރި އަންހެނެއްގެ ކުރިމަތީގައި ނައުޝާދު ވަނީ ބަރަހަނާވެގެން ހުރެ އަމިއްލައަށް އެދުން ފުއްދައި މިސްކިތުގެ ހުރުމަތް ކަނޑާލައިފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ފުރުގާން މިސްކިތުގައި އެފަދަ ކަމެއް ހިނގި ކަމަށް ފުލުހުންގެ މަރުކަޒަކަށް ހާޒިރުވެ މީހަކު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ ހުށަހެޅި ފަރާތުން ދިން މައުލޫމާތާ ގުޅިގެން ނައުޝާދު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ އެފަދަ ކަމެއް ތަކުރާރުކުރިޔަ ނުދިނުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނައުޝާދު އެންމެ ފަހުން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު 12 ގައެވެ. އެ ފަހަރު އޭނާ ހައްޔަރުކުރީ މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، މިސްކިތުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައިގައި އޭނާގެ ބަންދަށް ފުރަތަމަ ދިން 15 ދުވަސް ހަމަވުމުން، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.

ބަންދުން ދޫކޮށްލުމަށްފަހު، އަނެއްކާވެސް ފުރުގާން މިސްކިތުގައި ނިދަން އޮއްވައި ފެންނަ ފޮޓޯއެއް މި މަހުގެ 4 ވަނަ ދުވަހު އާންމުވުމާ ގުޅިގެން ފުލުހުން ބުނީ، މިސްކިތަށް ގެއްލުންދިން މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ، 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި 1 މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، އެ މުއްދަތު އަދަބުން އުނިކުރުމުން އިތުރަށް ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައަޅައި، ބަންދު އަމުރު ބާތިލުކުރީ ކަމަށް ފުލުހުން ހާމަކުރިއެވެ.