މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އޭނާ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ އާލިޔާ / ހއ. ދިއްދޫ، އާދަމް އިކްރާމް (32އ) އެވެ.
އާދަމް އިކްރާމް، އިއްޔެ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

