ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
Advertisement
Advertise with us
ޖޭއެސްސީން މިއަދު ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ހައިކޯޓަށް ބޭނުންވަނީ އެއް ފަނޑިޔާރެކެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 25 ނޮވެންބަރު 2026 ވާ ދުވަހުގެ މެންދުރު 12:00އެވެ.
އެޕްލިކޭޝަން ހުށަހެޅޭނީ ޖޭއެސްސީގެ ’ފަހިރެސް‘ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހަޅައިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ މުސާރަޔާއި ޢިނާޔަތްތަކުގެ ތެރޭގައި އަސާސީ މުސާރައިގެ ގޮތުގައި 45,700 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާ ހިމެނެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބިދެވޭނެ ކަމަށް އިއުލާނުގައިވެއެވެ.

ފަނޑިޔާރުކަމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުމާއެކު، އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންޖެހެއެވެ.
މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި، ސިޔާސީ މަގާމެއް ފުރަމުންދާ ފަރާތަކަށް ނުވުމުގެ އިތުރުން، ޖިނާއީ ބޮޑެތި ކުށްތަކާއި ހިޔާނާތާއި ރިޝްވަތު ފަދަ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ފަދަ ސުލޫކީ މިންގަނޑުތައް ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.