ރާއްޖެއާއި ސައުތު އޭޝިއަން ޔުނިވާސިޓީ (އެސްއޭޔޫ) އާ ދެމެދު މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ޔުނިވާސިޓީގެ ރައީސް، ޕްރޮފެސަރު ކޭ. ކޭ. އަގަރްވާލްއާ މަޝްވަރާ ކުރައްވައިފިއެވެ.

Advertisement
Advertise with us

މި މަޝްވަރާތައް ކުރައްވާފައިވަނީ ރައީސް މުއިއްޒުގެ އަރިހަށް އެސްއޭޔޫގެ ރައީސް، ޕްރޮފެސަރު ކޭ. ކޭ. އަގަރްވާލް އިއްޔެ ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އެސްއޭޔޫއާ ދެމެދު މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމާ ގުޅޭ ގޮތުންނާއި ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން، ހާއްސަކޮށް ސިއްހަތާއި މޫސުމީ ބަދަލުތަކުގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން ހިޔާލު ބަދަލު ކުރެއްވިއެވެ.

މީގެ އިތުރުން، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށްޓަކައި، އެ ޔުނިވާސިޓީ އާއި ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާމެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.