ފަލަސްތީނުގެ އަހުންނާ އުހުތުންގެ އުއްމީދުތައް ކައިރި މުސްތަގްބަލެެއްގައި ހަގީގަތަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ފަަލަސްތީނަށް މިނިވަންކަން އިއުލާނުކުރި ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް، މަހުމޫދު އައްބާސްއަށާއި ބޮޑުވަޒީރު މުހައްމަދު މުސްތަފާއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ސިޓީފުޅުގައެވެ.
ރައީސް ފޮނުއްވި ސިޓީފުޅުގައި، މިއަދަކީ މިނިވަންކަމާއި ކަރާމާތް ހާސިލުކޮށް، ސިޔާދަތީ މިނިވަން ދައުލަތެއް ބިނާކުރުމަށް ފަލަސްތީނުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އަންނަ މަތިވެރި އުންމީދުތައް ރަމްޒުކޮށްދޭ މުހިންމު ދުވަހެއް ކަމުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން މި މުހިންމު މަސައްކަތުގައި ދެ ގައުމު ގުޅިގެން ކުރަމުންގެންދާ މި މަސައްކަތުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު އެމަނިކުފާނު ފާޅުކުރައްވާފައިވެއެވެ.
މީގެއިތުރުން، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރުމުގައި ދެމިއޮންނާނެކަމުގައި، އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި މަސައްކަތުގައި ދެ ގައުމުން ބަދަހިކަމާއެކު ދެމިތިބުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން، އައު އުސްމިންތަކަކަށް ވާސިލުކޮށްދޭނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި، މި ތާރީހީ އިއުލާނަކީ ސުލްހަވެރި އަދި އުފާވެރި މުސްތަގްބަލަކަށް ފަލަސްޠީނުގެ ރައްޔިތުން ކުރާ ދަތުރުގައި އެބައިމީހުންގެ ބަދަހިކަމާއި ސާބިތުކަން ހާމަކޮށްދޭ އަލިގަދަ ދަލީލެއް ކަމުގައި ބަޔާން ކުރައްވާފައިވެއެވެ. އަދި ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފަލަސްތީނުގެ ރައްޔިތުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ތަރުހީބު ދެއްވާފައެވެ.





