ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ކަޅު ދަބަހެއް ހިފައިގެން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ”ޕީއެންސީ މެންބަރުންނާ ބައްދަލުކުރަން މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ ބޮޑު ”ކަޅު ދަބަހެއް“ ހިފައިގެން“ މި ސުރުހީގެ ދަށުން ”އަދަދު“ގައި ޝާއިއުކޮށްފައިވާ ލިޔުމެއް ހިއްސާ ކުރައްވަމުންނެވެ.
ޖަމީލު މިއަދު ”އެކްސްގައި“ ވިދާޅުވީ، މުއްތަލިބު މަޖިލީހަށް ބޮޑު ކަޅު ދަބަހެެއް ހިފައިގެން ދާންޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި މިއީ ބަޔަކު ސަމާސާއަށް ދައްކަންޖެހޭ ޒާތުގެ ވާހަކައެއް ނޫން ކަމަށެވެ.
”މިވެސް މުޖްތަމައެއް. ކޮންމެވެސް ހަމައެއް އޮންނަންވާނެ. މަޖިލީހުގެ ކުރިމަތީ އޮތް ބިލުތަކާ އެބިލުތަކުގެ މަގްސަދާ މުއްތަލިބަށް ކުރެވޭ ތުހަމަތަށް ބަލާއިރު، މިއީ ރިޝްވަތުގެ ހުތުރު އަމަލަށް ކުރެވޭ ތުހުމަތެއް.“ ފުލުހުން ޓެގް ކުރައްވައި، ޖަމީލު ކުރެއްވި ޕޯސްޓުގައި ލިޔުއްވައިފައިވެއެވެ.
ރިއަލް އެސްޓޭޓް ބިލު މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު، މި ބިލުގައި އިޒްރޭލް ރައްޔިތުންނަށް ނުވަތަ އިޒްރޭލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ވެސް، ރާއްޖޭގެ އިންޓްގްރޭޓެޑް ރިއަލް ސްޓޭޓް ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ.
މި ބިލުގައި ވާގޮތުން، ރާއްޖޭގައި ރިއަލް ސްޓޭޓް ވިޔަފާރި ތަރައްގީ ކުރުމަށް މަގުފަހި ކުރުމުގެ ބޭނުމުގައި، މިނިސްޓަރުގެ ލަފާގެ މަތިން، ވަކި ހާއްސަ ސަރަހައްދެއް، އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.





