ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޒިޔާރަތްކުރެވޭނެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު މާލެއާއި ހުޅުމާލޭ ފޭސް 1 ގައި ހުޅުވައިފިއެވެ.

Advertisement
Advertise with us

މި ދެ ލައުންޖަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ހިދުމަތް ދިނުމަށް ހުޅުވި ދެ ލައުންޖެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ފަސޭހައިން ޒިޔާރަތްކުރެވޭގޮތަށް ހުޅުވި ސީސީބީ ގެ މާލެ ލައުންޖް ހުންނާނީ ހުޅުމާލެ ފެރީ ޓާރމިނަލްގައެވެ.

އަދި ހުޅުމާލެ ފޭސް 1 ގެ ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގ ގެ ތިރީ ފަންގިފިލާގައެވެ. މި ލައުންޖުތަކުގެ ހިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ލިބޭނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި ހުޅުމާލެ ފޭސް 2 ގައިވެސް ސީސީބީގެ ލައުންޖެއް ހުޅުވޭނެއެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރައީސް އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ މި އަހަރުގެ އެޕްރީލް 16 ވީ ބުރާސްފަތި ދުވަހުއެވެ.

މި އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ.

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ހާއްސަކުރެވިގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ވެބް ޕޯޓަލެއް އިފްތިތާޙުކުރައްވައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރައްވާފައެވެ.

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ހިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.