މިދިޔަ ހަފުތާގައި ސްކޭމުގެ 38 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލަތައް އިތުރުވަމުން އަންނައިރު، ވަކިން ހާއްސަކޮށް ބުކިން ކެންސަލްކޮށްގެން ފައިސާ ހޯދަން ހިންގާ އޮޅުވާލުންތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 630,573.34 ރުފިޔާ ގެއްލިފައިވެއެވެ.
ފުލުހުން ބުނިގޮތުގައި، ސްކޭމަރުން އަމަލުކުރާ ގޮތަކީ، ކޮޓަރި ބުކް ކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިން ކެންސަލްކޮށް، ފައިސާ އަނބުރާ ދިނުމަށް (ރީފަންޑަށް) އެދެނީއެވެ. މިގޮތަށް އެދޭއިރު އެ ފަރާތްތަކުން ފޮނުވަނީ ސައްހަނޫން ފޭކް ޕޭމަންޓް ސްލިޕްތަކެކެވެ. ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ކަށަވަރުނުކޮށް ރީފަންޑް ދިނުމުގެ ސަބަބުން، އަސްލު ފައިސާ އެކައުންޓަށް ޖަމާނުވާކަން އެނގެނީ މާފަހުން ކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން، އެއްވެސް ފަރާތަކަށް ރީފަންޑް ދިނުމުގެ ކުރިން އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށާއި، އެކައުންޓަށް ފައިސާ ވަދެފައި ނުވާނަމަ އެއްވެސް ހާލެއްގައި ރީފަންޑް ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ
ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތަކާ ގުޅިގެން ކުރެވުނު މަސައްކަތުން، މިދިޔަ ހަފުތާގައި ގެއްލުނު ފައިސާގެ 63.9 އިންސައްތަ ވަނީ އަނބުރާ ހޯދާފައެވެ. އެއީ 402,658.34 ރުފިޔާއެވެ.
މީގެއިތުރުން، ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާ ސްކޭމްތައްވެސް ގިނަ އަދަދަކަށް ހިނގަމުންދާތީ، ކަޅު ބާޒާރުގެ ބަދަލުގައި ހަމައެކަނި ރަސްމީ ލައިސަންސް އޮތް އެކްސްޗޭންޖުތައް މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.





