އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބާއްވާ “އެކްސަސައިޒް ޖައްރާފާ-2026“ ފަށައިފިއެވެ.
މި މަހު 22 ވަނަ ދުވަހު ފެށި މި އެކްސަސައިޒް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަރ ފައިޓަރުން ހަރަކާތްތެރިވާއިރު، ފަޔަރ ފައިޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ އިތުރުން، ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭނަށް ފަރިތަކުރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން އާދިއްތަ ދުވަހު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
ނޮވެމްބަރު 22 އިން 23 އަށް ބާއްވާ މި އެކްސަސައިޒްގެ ތަމްރީނުތައް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށް ދާނެއެވެ. އަދި އެމްއެންޑީއެފުން ބުނީ އެކްސަސައިޒް ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައާއި މާލޭ ސަރަހައްދުގައި ފަޔަރ ވެހިކަލްގެ ސައިރަން އެޅުމާ އެކު ހަރަކާތްތެރިވާނެ ކަމަށެވެ.
މި އެކްސަސައިޒަކީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން އަމަލުކުރަމުންދާ ފަޔަރ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ އެކްސަސައިޒެކެވެ.





