ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑިސެމްބަރު 13 އިން 16 އަށް ބަންގްލަދޭޝަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެމަނިކުފާނު އެ ގައުމަށް ކުރައްވަވާ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، ފަތުރުވެރިކަމާއި ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތަކާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުން ހިމެނޭހެން މުހިންމު ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމަށްޓަކައި ކުރައްވަވާ ދަތުރުފުޅެކެވެ.
އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ ޑިސެމްބަރު 16 ގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ހާރިޖީ ގުޅުން އިތުރަށް ބަދަހިކޮށް، އިގްތިސާދީ ގޮތުން އެއްބާރުލުން ދެވިދާނެ އައު ފުރުސަތުތައް ހޯދުމަށް ދެ ގައުމުގެ ވެރިން މަޝްވަރާ ކުރައްވަވާނެއެވެ.





