އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ބައްދަލުކުރަވައިފިއެވެ.
މި ބައްދަލުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ އަށްވަނަ ”ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް“ގެ އެންއެސްއޭ ބައްދަލުވުމުގެ ހަވާސާގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ބުނީ، ދެ ގައުމުގެ ދެމެދުގައި ހުރި މުހިންމު ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަމަށް އަލިއަޅުވާލި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
މި މަހުގެ 24 އިން 26 އަށް ރާއްޖޭގައި ކުރިއަށްދާ މި މަތީ ފެންވަރުގެ ބައްދަލުވުމަކީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ ސަލާމަތީ އިސް ވެރިން އެއްތަނަކަށް އެއްވެވަޑައިގެން މުހިންމު މަޝްވަރާތަކެއް ކުރައްވާނެ ބައްދަލުވުމެކެވެ.
މިގޮތުން، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމުގެ އިތުރުން، ސަރަޙައްދަށް ކުރިމަތިވަމުންދާ ސަލާމަތީ އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭހެން އެކުލަވާލާފައިވާ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން ދިނުމަށާއި، ގުޅިގެން މަސައްކަތްކުރުމަށް އުފައްދާފައިވާ މުހިންމު ޕްލެޓްފޯމެކެވެ.





