އުނގެނޭ އިލްމުގެ ބޭނުން ހިފައިގެން މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް، ދަސްވެނީންނަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

Ads by Asuru

ނައިބު ރައީސް މިކަމަށް ގޮވާލެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތައުލީމު ހާސިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމައުގެ ތެރޭގައި ހަމަޖެހުން ޤާއިމުކޮށްދިނުމަށް އެ ލިބިފައިހުރި އިލްމެއްގެ ބޭނުންހިފައިގެން މުޖްތަމައުގެ އެހެންމީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުންކަމަށެވެ.

ހަމައެހެންމެ އެމަނިކުފާނު ވަނީ މުޖުތަމައުގައި ހުރި ރަނގަޅުކުރަން ޖެހޭ އިޖްތިމާއީ އެކިއެކި މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްދާއިރާކަން ފާހަގަކުރައްވައި މިހާރު މަތީ ތަޢުލީމު ހާސިލުކުރުމަށް މުޅި ރާއްޖޭގައި މީގެ ކުރިން ނެތް މިންވަރަށް ފުރުސަތުތައް ހުޅުވާލެވިފައި އޮތްކަން ފާހަގަކުރައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިޙްތިރާމާއެކު މީހުންނާއި މުއާމަލާތްކުރުމަށް އިސްކަންދިނުމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

މި ހަފްލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ޤުރުއާނާއި މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވެ ދަރަޖަ ޙާޞިލުކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ ނައިބު ރައީސްއެވެ.

.