ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ހީނާ ވިދާޅުވީ ޖޭއެސްސީއަކީ މިއަދު ބަތްކައްކާ، ރަމަންރަމަން ފޯލި ކުޅޭ ތަނެއް ކަމަށެވެ.

”މުޅި ޖޭއެސްސީން ސޯލިހާއި އެމްޑީޕީ ބޭނުންވާ އަތަކަށް ވާންކޮށްލީމަ ރައްޔިތުންނަށް ލިބެނީ ކޮން އިންސާފެއްތޯ؟“ ވެސް ހީނާ ސުވާލު ކުރެއްވިއެވެ.

ހީނާ ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މި ސަރުކާރުން ވެފައިވާ ވަޢުދު ފުއްދާފައި ނުވާތީ، އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޖޭއެސްސީއަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ނަމަވެސް އެކަމެއް ނުކުރައްވައެވެ.