ނަން މަޝްހޫރު މޮޑެލް، ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) ބައްޕައަށް ހަދިޔާއަކަށް ގަން ދިން ދޯންޏެއް އޭނާގެ ނުރުހުމުގައި ބައްޕަގެ ނަންމަތީގައި ރަޖިސްޓްރީ ކުރުމުން، ކައިޒީންގެ ނަމަށް އެ ބޯޓު ބަދަލުކުރަން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by Asuru

ބައްޕައާ ދެކޮޅަށް ކައިޒީން ކޮށްފައިވާ ދަޢުވާގައި ބުނެފައިވަނީ ބޯޓެއް ގަތުމަށް އޭނާގެ ބައްޕައަށް 3،600،000 ރުފިޔާ ހަވާލު ކުރުމުން އެ ބޯޓު ގަނެ، ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާތީ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމާއި ބޯޓު އޭނާގެ ނަންމައްޗަށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.

މި ދަޢުވާއާ ގުޅޭ ގޮތުން ކައިޒީންގެ ބައްޕަ ބުނެފައިވަނީ ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމުގެ އެއްވެސް ޤާނޫނީ އަސާސެއް ނެތް ކަމަށެވެ. އަދި ވަގުތީ އަމުރެއް ނެރެފި ނަމަ އުފުލަން ޖެހޭނީ ނުހައްޤު ތަކުލީފެއް ކަމަށާއި އިސްލާމީ ޝަރީޢަތުގައި ދަރިންގެ މުދާ މައިންބަފައިން ބޭނުން ކުރެވޭނެ ކަމަށެވެ.

ކޯޓުގެ އަމުރުގައިވަނީ ބޯޓު ގަތުމަށް ފައިސާ ދިނީ ކައިޒީން ކަން ސާބިތުކުރަން ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެކަމަށް ފައިސާ ދިނީ ކައިޒީން ކަމާ މެދު އޭނާގެ ބައްޕަ އިންކާރު ކޮށްފައި ނުވާ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.

އެހެންވެ މައްސަލާގައި ކައިޒީނަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް އެބައޮތް ކަމަށާއި އަދި އެ މައްސަލަ ނިމުމުގެ ކުރިން ބޯޓުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވެއްޖެ ނަމަ ކައިޒީނަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ ނިންމުމުގައިވެއެވެ.