ރައްޔިތުން މި ސަރުކާރު ބަލައިގެންފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން މި ސަރުކާރު ބަލައިގަނެފައިވާ ކަމަށާއި ސަރުކާރަށް ހަަތަރު އަހަރުވެފައިވާ އިރު، މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ ވަރަށް ގިނަ ކަންކަމަށް ރައްޔިތުން ބޭނުންވެފައިވާތީ ކަމަށެވެ.

އޭގެތެރޭގައި އަސާސީ ޚިދުމަތްތައް ހޯދުމާއި، އިޖްތިމާޢީ ހަމަޖެހުން ޤާއިމްކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުން ފަދަ ކަންކަން ހިމެނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސަރުކާރުން ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ސިޔާސީ ޚިޔާލުތަފާތުވުމާއި ގުޅިގެން އެއްވެސް ވިޔަފާރިވެރިއަކަށް ވިޔަފާރިކުރުމަށް ހުރަސް އަޅާފައި ނުވާނޭކަމަށާއި، ދުލާއި ގަލަމުގެ މިނިވަންކަން ޤާއިމްކުރުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާފައި ނުވާނޭކަމަށާއި، ކުރިން މެދުކެނޑެމުން އައި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނޭގޮތް ފަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި މިއަދާ ހަމަޔަށް 15,000 އަށް ވުރެ ގިނަ ޒުވާނުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަމުންދާ ކަމަށާއި، ގއ. ދާންދޫއަށް އެކަނި ބެލި ކަމުގައިވިޔަސް މި ޕްރޮގްރާމްގެ ދަށުން 125 މީހެއް މަތީ ތަޢުލީމު ހާސިލްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި މި ސަރުކާރުގެ ވެރިކަމުގެ 5 އަހަރު ނިމޭ އިރު ލަފާފުރުމަށް ދަތިވެފައިވާ ރަށެއް ނޯންނާނެކަމަށާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ހިސާބަކުން ވެސް ސާފު ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.