އަންނަ އަހަރުގެ މެދުތެރޭގައި ދެކުނުގެ ހަތަރު އަތޮޅު އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީގެ ނިޒާމުން ގުޅުވައިލެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިކަން ހާމަކުރެއްވީ ގއ. ދާންދޫ ބިން ހިއްކުން ނިމުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް، ރައްޔިތުންގެ މެދުގައި މަޤްބޫލުވަމުން އަންނަ މިންވަރަށް އަލި އަޅުވާލައްވައި، މިނިސްޓަރު ވިދާޅުވީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގައި ފެށި މި ޚިދުމަތް، 70000 މީހުން ބޭނުންކޮށްފައިވާ ކަމަށެވެ.

”ދެން އަޅުގަނޑު މިހާރު އެމްޓީސީއާ އެކު މަސައްކަތް ކުރަމުން މި ގެންދަނީ ދެކުނުގެ ހަތަރު އަތޮޅުގައ މި ފެށޭ އަހަރުގެ މެދާ ހަމައަށް ދާންވާ އިރަށް މި ހިދުމަތް ގާއިމު ކުރުމަށް.“ މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުރިހައި ކަމެއްވެސް ސަރުކާރުން ކުރައްވަނީ ރާއްޖެ ތަރައްޤީ ކުރުމުގެ ތަަސައްވުރެއް އޮވެގެން ކަމަށެވެ.  އަތޮޅުތައް ތަރައްގީވެ ހިދުމަތްތައް ދެވެން ޖެހޭ ކަމަށާއި ލާމަރުކަޒީ ސިޔާސަތާ އެކީ އަތޮޅުތަކުން ކަންކަން ވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަކީ އެންމެ މުހިންމު އެއް ވައުދެވެ. މިކަން ކުރުމަށް އާރްޓީއެލް އުފައްދައި އެމްޓީސީސީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއް އެ ނިޒާމުގެ ދަށުން ގުޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.