އެކި ގައުމުތަކުގައި ތައްޔާރުކުރާ ކާތަކެތި އަޖުމަ ބެލުމަށް ފޯރި ހުންނަ ގިނަ ދިވެހީންނަށް އެންމެ ކަމުދާ އެއް ރަހަކީ އިންޑިއާގެ ރަހަތަކެވެ. އެގައުމުގެ ”ސްޓްރީޓް ސްނެކް“ތަކަށް ލޯބި ކުރާ ދިވެހީން މަދެއް ނޫނެވެ. ދިވެހީންގެ އެއް އަވަށުގެ ގޮތުގައި ލޭބަލްވެފައިވާ ޓްރިވެންޑްރަމްގައި ދިވެހި ބަހުން ލިޔެގެން ވިޔަފާރިވެރިން މިފަދަ ތަކެތި އިޝްތިހާރު ކުރަނީ، ދިވެހީންގެ ތެރޭގައި އެފަދަ ކާތަކެއްޗަށް އޮންނަ މަގްބޫލު ކަމެއްގެ ސަބަބުންނެވެ.

Ads by Asuru

އައިމިނަތު އީނާސް އަކީވެސް ފާޑު ފާޑުގެ ކާއެއްޗެހި އަމިއްލައަށް ތައްޔާރުކޮށްގެން ”ޓެސްޓް“ ކުރަމުން އައި ފަރާތެކެވެ. ދިވެހީންގެ މެދުގައި މަގްބޫލު މަޖާ ފަދަ ތަކެތި އަމިއްލައަށް ހަދައިގެން ކެއުމަށް ލޯބި ކުރާ މީހެކެވެ. އަމިއްލައަށް ދަސްކޮށްގެން، ގޭގައި ދޭތެރެއަކުން ޕާނީ ޕޫރީވެސް ހަދައިގެން ކައެވެ.

ކިޔައިދޭން މި އުޅެނީ މާނީސް ޕާނީ ޕޫރީ ވުޖޫދަށް އައިސް، ކަސްޓަމަރުންގެ ހިތްތަކުގައި ރަސްކަން ކުރަން ފެށިގެން އައިގޮތެވެ.

އީނާސްގެ ފިރިމީހާ، އާދަމް ފަރުހާން ”އަސުރަށް“ ބުނީ، މި މުޅި ވިޔަފާރީގެ ”މާސްޓަރމައިންޑް“ އަކީ އޭނާގެ ހީވާގި އަންހެނުން ކަމަށެވެ.

އައިޖީއެމްއެޗްގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އީނާސްއަށް ތައުރީފު ކުރަމުން އޭނާގެ ފިރިމީހާ ބުނީ ޕާނީ ޕޫރީގެ ވިޔަފާރި ފެށީ، އަމިއްލަ ރަށް ކަމުގައިވާ ތ.ކިނބިދޫއަށް ދިޔަ ފަހަރެއްގައި ޕާނީ ޕޫރީ ހަދައި، ރައްޓެހިންނަށް ބަހާލުމުން، އެންމެންނަށްވެސް އޭގެ ރަހަ ވަރަށް ބޮޑަށް ކަމުދިޔުމުން ކަމަށެވެ.

”ދެން އޭތި މީރުވެގެން ވަރަށް ގިނަ މީހުން، ރަށުން ފުރަތަމަ ކޮމެންޓްސް އަންނަން ފަށައިފި. ވިއްކަން ހަދަންވީނޫންހެއްޔޭ، ލިބޭނެހޭ އެގޮތަށް.“

 

މާނީސް ޕާނީ ޕޫރީ-

 

އޭނާ ބުނާގޮތުން، މި ވިޔަފާރިއެއްގެ ފިރުކެންފެށި ދައުރަކީ ރަށު މީހުންގެ އެދުމުގެ މަތިން، ރަށުގައި ޗުއްޓީގައި ހުރި ދުވަސްވަރު، ޕާނީ ޕޫރީ ހަދައިގެން ވިއްކަން ފެށި ފެށުމެވެ. ޗުއްޓީއަށްފަހު މާލެ އައިސްވެސް މަސައްކަތް ކުރިއަށް ގެންދަން ނިންމީ، ފަރުހާން ބުނި ގޮތުގައި މާބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކޮށްގެނެއް ނޫނެެވެ.

”މާލޭގައި ބައިވަރު މީހުން ޕޭޖްތައް ހަދައިގެން (ޕާނީ ޕޫރީ) ވިއްކާތާދޯ؟ އެހެންވެ، ހިތަށް އަރާ ދެން ނުވާނޭ. އެހެންވެ އިންވެސްޓް ކޮށްލީ ވަރަށް ކުޑަ ކުޑަ އެއްޗެއް. 500 ރުފިޔާ.“

ޕޭޖެއް ހަދައިގެން ވިޔަފާރި ފެށި ދުވަހު އެންމެ ދެ އޯޑަރު ލިބުނު ނަމަވެސް، އީނާސްމެން ހިތްވަރު އެލުވާލައި، ”ގިވްއަޕް“އެއް ނުކުރިއެވެ.

ބޭނުންވީ ގޭގައި ފޫހިވެފައި އިންނަ މަންމަވެސް މިކަމުގައި ބައިވެރިކޮށް، ލިބޭ އާމްދަނީ އިތުރު ކުރާށެވެ. އެގޮތުން އަނެއްކާވެސް އެއަށްވުރެ ގިނަ ފައިސާ ހަރަދުކޮށްގެން މީސްމީޑިއާގައި ހިންގާ ދެ ޕޭޖު ބޫސްޓްކޮށް، ޕޫރީ ވިއްކަން ޖެހީއެވެ.

މަންމަގެ މަސައްކަތާއި، ފުރިހަމަ އެއްބާރުލުމާއެކުގައި ނުކުތް ނަތީޖާ ވަރަށްވެސް ފޮންޏެވެ. ވިޔަފާރިއަށް އަހަރެއް ވީއިރު، މިހާރު ކަސްޓަމަރުންގެ ފަރާތުން ”މާނީސް ޕާނީ ޕޫރީ“ އަށް ހޫނު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ކަސްޓަމަރުންނަށް އެންމެ ކަމުދަނީ، ޕޫރީގެ މައިގަނޑު ރަހަ ގެނެސްދޭ، ފެންފޮދެވެ. މި ފެނަށް އިންޑިއާގައި ”އިމްލީ ޕާނީ“ވެސް ކިޔައެވެ.

”ކޮންމެ ކަސްޓަމަރެއްވެސް ބުނަނީ، ވަރަށް މީރޭ ޕާނީ ޕޫރީއަށް އަޅާ ފެންގަނޑު.“

 

މާނީސް ޕާނީ ޕޫރީން ދެނީ މީރު ރަހައިގެ ޔަގީންކަން–

މާނީސް ޕޫރީގެ ހުރިހާ އެއްޗެއްވެސް ތައްޔާރު ކުރަނީ އީނާސްމެން ދިރިއުޅޭ ގޭތެރޭގައެވެ. ޑެލިވަރީގެ މަސައްކަތަށް މީހަކު ނަގާފައިވާއިރު، ޕޫރީ ހަދަން ބޭނުންވާ ތަކެތި ”ރެޑީ“ ކުރުމުގައިވެސް މީހެއްގެ އެހީ ހޯދައެވެ.

ވިސްނުން ހުރީ އިތުރަށް ފުޅާކޮށް، ގުލާބް ޖާމުން ފަދަ ތަކެތިވެސް ވިއްކަން ފެށުމަށެވެ. އެތަކެތީގެ ރަހަވެސް މީރުވެފައި، ތަފާތުވާނެ ކަމަށް މާނީސްޕޫރީން ޔަގީންކަން ދެއެވެ. ނަމަވެސް އިހަށް، މި ޕޫރީއެއްގެ ރަހަ ބަލާލަން އުޅޭށެވެ.

މާނީސްޕޫރީގެ އިންސްޓެގްރާމް، އަދި ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން، ނުވަތަ 7522030އަށް ގުޅައިގެންވެސް އޯޑަރު ކުރެވޭނެެއެވެ. މާލެއިން 20 ޕާނީ ޕޫރީއަށްވުރެ ގިނައިން ގަނެފިނަމަ، ހިލޭ ޑެލިވަރީއެވެ.

20 ޕާނީ ޕޫރީ ގަނެފިނަމަ، ހުޅުމާލެ އަދި ހުޅުމާލެ ފޭސް2 އަށްވެސް ޑެލިވަރ ކޮށްދެއެވެ. ނަމަވެސް ހުޅުމާލެއަށް 20 ރުފިޔާ، އަދި ފޭސް2އަށް 25 ރުފިޔާ ޗާޖު ކުރެއެވެ.

ޓޭކްއަވޭއަށް 8 ޕާނީ ޕޫރީ ލިބެނީ 50 ރުފިޔާއަށެވެ. އަދި 10 ޕޫރީ 60 ރުފިޔާއަށް ލިބޭނެެއެވެ.