މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިންގި 22 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފި އެވެ.

Ads by Asuru

މި ކޭމްޕް ނިންމުމުގެ ގޮތުން ކ. ގރިފުށީގައި އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ކެޑޭޓް ކޭމްޕްގެ ބައިވެރިންގެ ތެރެއިން ވަނަވަނަ އަށް އައި ދަރިވަރުންގެ އިތުރުން ކޭމްޕްގެ އެންމެ މޮޅު 10 ކެޑޭޓުންނަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ މިނިސްޓަރެވެ.

ކޭމްޕްގައި ކިޔަވައި ދިން މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ މައިކް ޕްލެޓޫންގެ ކެޑޭޓް ކޯޕްރަލް އަޙްމަދު ފާލިޙް ޢަބްދުލް މުޙުސިނެވެ. އެންމެ މޮޅު ފިރިހެން ދަރިވަރަކަށް މައިކް ޕްލެޓޫންގެ ކެޑޭޓް ކޯޕްރަލް އަމްޖަދު ޚާލިސް ޝަރީފް ހޮވުނު އިރު އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވުނީ ޗާލީ ޕްލެޓޫންގެ ކެޑޭޓް ޕްރައިވެޓް އައިޝަތު ޒަރާ އަޙްމަދު ޒިރާން އެވެ.

އެއް ވަނަ ޕްލެޓޫނަކަށް ހޮވުނީ މައިކް ޕްލެޓޫނެވެ.

ރަސްމިއްޔާތުގައި ކެޑޭޓުންނަށް ޢަޒުމް ލައިދެއްވީ ޤައުމީ ކެޑޭޓް ކޯގެ ޑައިރެކްޓަރު އެޑްމިން އެންޑް ލޮޖިސްޓިކް ކެޑޭޓް ރިފާން ޢަލީ ވަޙީދެވެ.

ގައުމީ ކެޑޭޓް ކޯރއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން މި ކޭމްޕްގައި އިންޑިއާގެ ހަތަރު ކެޑޭޓަކާއި ނޭޕާލުގެ ހަތަރު ކެޑޭޓަކު ބައިވެރިވެފައިވެއެވެ.

މި ކެޑޭޓް ކޭމްޕް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އަސްކަރީ ހުނަރުތައް އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ތަނަވަސްކޮށް ދިނުމާއި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައަޅާ ބައެއް އަސާސީ ހުނަރުތައް ދަސްކޮށް ދިނުން ހިމެނެއެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ރިވެތި އަޚްލާޤާއި ސްލޫކް އަށަގެންނެވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމުގެ އިތުރުން ޤައުމީ ރޫހު އުފައްދާ ދިރުވުން ވެސް ހިމެނެވެ.

މީގެ އިތުރުން މައިންބަފައިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ކުދިބަޔަކު އުފެއްދުން ވެސް މިކޭމްޕްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ.