ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާޅޮސްމަޑުލު އުތުރުބުރީ އަލިފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން، ރ. އަލިފުއްޓަށް މިއަދު ފެށްޓެވި މި ދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ ޢާއިލީ ހަވީރުގައި ރައީސް ޞާލިޙުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި، މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، މިދަތުރުފުޅުގައި ރައީސް ޞާލިޙު، ރ. އަތޮޅު ކައުންސިލާއި، އަލިފުށީ ކައުންސިލާ ބައްދަލުކުރައްވާނެއެވެ. އަދި، އަލިފުށީ ސްކޫލްގައި ޢިމާރާތްކޮށްފައިވާ މަލްޓިޕަރޕަސް ހޯލް ހުޅުއްވައި ދެއްވާނެއެވެ.

އަލިފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ހުކުރުދުވަހު ނިންމަވައިލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.