މި މަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ނިމެންދެން އޭގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަށް ކުރައްވާ ރަސްމީ ދަތުރުތައް ހުއްޓަވާލައްވަން ޖެހޭ ކަމަށް ޕީޕީއެމްގެ ސެނެޓް މެމްބަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އިއްޔެ ރ. އަލިފުއްޓަށް ފެއްޓެވި ރަސްމީ ދަތުރުގެ ތެރެއިން އެ ރަށުގެ އެމްޑީޕީ ޖަގައެއްގައި ސަޕޯޓަރުންތަކަކާ އެކީ ބޭއްވި ބައްދަލުވުމެއްގެ ފޮޓޯއަކާ އެކު މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮލީ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ދައުލަތުގެ މާލިއްޔާއިން ކެމްޕޭނު ނުކުރެވޭނެ ކަމަށެވެ.

”ބައި ހަދާލާފައި ކެމްޕޭނަށް ދިއުމުގެ ޚަރަދު ކުރަން ޖެހޭނީ ކެންޑިޑޭޓްގެ ކެމްޕޭން އެކައުންޓުން،“ މަލީހު ވިދާޅުވި އެވެ. ”މިއީ ބަލަން ޖެހޭ މައްސަލައެއް. ޕްރައިމަރީ ނިމެންދެން މި ބާވަތުގެ ދަތުރު ހުއްޓާލަން ޖެހޭ.“

ރައީސާއި އަނބިކަނބަލުން އަދި ސަރުކާރުގެ އިސް ވަފުދެއް އިއްޔެ އަލިފުއްޓަށް ވަޑައިގެންނެވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާއަށެވެ. އެ ޖަލްސާ ރޭ ވަނީ ބާއްވައިފައެވެ.