މާލެ ސިޓީ ކައުންސިލްގެ މި ކުރިއަށްދާ ދައުރުގައި، މިވީ 18 މަސްތެރޭ ކައުންސިލްގެ އާމްދަނީ އިން 10 މިލިއަން މިސްކިތް ތަކަށް ޚަރަދުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މާލޭގައި ހުރި މިސްކިތްތައް އަންނަ ރަމަޟާން މަހަށް މަރާމާތު ކުރުމަށް ފަންޑް ހޯދުމަށް ޓެލެތޯނެއް ބާއްވާތީ، ބައެއް ފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

އެ ފަރާތްތަކަށް ރައްދު ދެއްވައި މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން މިވީ 18 މަސްތެރޭގައި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތް ތައް ބެލެހެއްޓުމަށާއި މަރާމާތު ކުރުމަށް ކައުންސިލްގެ އާމްދަނީއިން 10 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

އަދި ސަރުކާރުން މިސްކިތްތަކުގެ ބެޖެޓަށް ދިނީ އެންމެ 1 މިލިއަންކަން ފާހަގަކުރައްވައި، މުއިއްޒު ވިދާޅުވީ، ފަންޑު ހޯދުމަށް ޓެލެތޯން ބާއްވަނީ ކުރިއަށް އޮތް ރޯދަމަހަށް ނިންމަންޖެހޭ ބައެއް އިތުރު ކަންކަން ހުރުމުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ޚާއްސަ ޙަރަކާތެއްގެ ގޮތުގައި ޓެލެތޯންއެއް މިއަދު ފަށައިފައިވާއިރު، މި ޓެލެތޯނު މެދުވެރިކޮށް މިހާތަނަށް  27000އަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.