ގިނަ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި އެމްޑީ އަލަމްގީރުގެ ވީޑިއޯތައް ބޭނުންކޮށް ބްލެކްމެއިލްކުރި ކަމަށް ތުހުމަތުކޮށް، ހައްޔަރު ކުރުމަށްފަހު އެއްވެސް ހެއްކެއް ނެތިގެން ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާގެ ކިބައިން ފުލުހުން މާފަށް އެދުމަށް އޭނާ އެދިއްޖެއެވެ.

Ads by Asuru

އަލަމްގީރުގެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެއިކް ކުރި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރީ ފަސް މީހުންނެވެ.

މިކަމަށް އެދި މިމަހުގެފަސް ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައުމޫނު ފޮނުވި ސިޓީއެއްގައި ވަނީ މި މައްސަލައިގައި އެއްވެސް ހެއްކެއްނެތި ފުލުހުން އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ފޮޓޯއާއި ވަނަވަރު އާންމުކޮށްފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން އާންމުންގެ މެދުގައި އޭނާއާއި މެދު ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެ އޭނާ އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ވެސް ހުރަސްއެޅިފައިވާ ކަމަށްވެސް ސިޓީގައިވެއެވެ.

”ފާއިތުވި މުއްދަތުގައި އަޅުގަނޑު ތިޔަ ސަރވިސްގެ ޓްވިޓަރ އެކައުންޓާއި ވެބްސައިޓް ދިރާސާ ކުރިއިރު، ތިޔަ ސަރވިސްއިން މީހުންގެ ޕްރޮފައިލް އާންމު ކުރާއިރު، އަމަލު ކުރާ ގޮތާ ހިލާފަށް، ވަރަށް ބޮޑަށް އަޅުގަނޑަށް ޓާގެޓް ކޮށްފައިވާ ކަމާއި، އަދި އާންމުންނަށް ވަކި ވައްތަރެއްގެ މަންޒަރެއް ދައްކަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.“

މައުމޫން ފޮނުވި ސިޓީގައި ވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން، 7 ދުވަހުގެ ތެޜޭގައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އޭނާގެ ކިބައިން މާފަށް އެދި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓާއި ޓްވިޓާ އެކައުންޓްގައި އާންމުކޮށްފައިވާ ވަނަވަރު ނެގުމަށް އެދިފައެވެ.

މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި މާފަށް އެދިފައި ނުވާނަމަ މިކަމުގައި އަޅަންޖެހޭ ޤާނޫނީ އެންމެހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގައިވެސް މައުމޫނުގެ ސިޓީގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ނޫސްވެރިންނަށް މަޢުލޫމާތު ދެމުން މި ޖެނުވަރީމަހު ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، އެ މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ހެކިތަކަކީ ޖިނާއީ ދައުވާއެއް ކުރެވޭވަރުގެ ބުރަދަންހުރި ހެކިތަކެއް ނޫން ކަމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން މިދިޔަ ނޮވެމްބަރު މަހު ދޫކޮށްލައި، މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި މައުމޫނު މޫސާގެ މައްޗަށް ޖިނާޢީ ކުށެއްގެ ދަޢުވާއެއް ކުރެވޭ މިންވަރަށް ހެއްކެއް އަދި ޤަރީނާއެއް ލިބިފައިނުވާތީ، ޕީޖީ އޮފީހުން އެމައްސަލަ ބަލައި ނުގަންނަން ނިންމާފައިކަމަށް މައުމޫނުގެ ސިޓީއަކަށް އެ އޮފީހުން ދިން ޖަވާބުގައި ބުނެފައިވެއެވެ.