ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް، އަދި މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަށް ޓްވިޓާ އެކައުންޓެއް މެދުވެރިކޮށް މަރުގެ އިންޒާރު ދިން އެމައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބެލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިިފިއެވެ.
މިކަމަށް ގޮވާލައި، ޕީޕީއެމް-ޕީއެންސީގެ ކޯލިިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޝުޖާއުގެ ބޮލަށް ވަޅި ޖަހާނެ ކަމަށްބުނެ އިންޒާރު ދިން މައްސަލައާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާ ކަމަށެވެ.
އިންޒާރު ދިން އެކައުންޓްގެ ވެރި ފަރާތާއި އެކައުންޓް ހިންގާ މީހާ ކޮންމެ ތަނެއްގައި ހުރި ނަމަވެސް މިހާރުން މިހާރަށް ހައްޔަރުކޮށް ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.
އެ ބަޔާނުގައި ބުނީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕާއި އިސް ސަފުގައި މަސައްކަތް ކުރާ ބޭފުޅުންނަށް އެކި ގޮތްގޮތަށް ދިމާކޮށް ފުރައްސާރަކޮށް ބިރު ދައްކާ މަރުގެ އިންޒާރު ދެމުން އަންނަ ކަމަށާ މިފަދަ ކަންކަން ވަރަށް ސީރިއަސް މައްސަލައިގެ ގޮތުގައި ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައެވެ.
އަދި މިއީ ފަރުވާ ކުޑަކޮށް ދޫކޮށްލައިގެން ތިބެވޭނެ ކަންކަން ނޫންކަން ވެސް ސަރުކާރުން ދަންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
”ކިތަންމެ ވަރަކަށް ބިރު ދައްކާ އިންޒާރު ދިން ނަމަވެސް މި ކޯލިޝަންގެ ލީޑާޝިޕާއި އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި ދިވެހި ރައްޔިތުން ތިއްބެވީ ދޫދޭ ގޮތަކަށް ނޫނެވެ.“
ޝުޖާއުއަށް އަށް މަރުގެ އިންޒާރު ދިން އިރު އެކައުންޓްގެ ޑިސްޕްލޭ ނަމެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ ނަން ފަހުން ވަނީ ބަދަލުކޮށްފައެވެ.