ޗެނަލް13ގެ ސީއީއޯ މުހައްމަދު ސަމާހު، ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސް އެޅި ކަމަށް ތުހުމަތުކޮށް، 30 ދުވަހުގެ މުއްދަތަށް އޭނާ ގޭބަންދު ކޮށްފިއެވެ.

Ads by Asuru

އާދިއްތަ ދުވަހުގެ ރޭ، ވެރިރަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން، ފުލުހުން ސަމާލު ހައްޔަރު ކޮށްފައިވަނީ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ތުހުމަތު ކޮށްފައެވެ.

ބަންދު ކުރަން ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ އިތުރު ބަޔަކު އެ ސަރަހައްދަށް ގެންގޮސްދިނުމުން ކަމަށާއި އެހެންވެ އާންމު ހިދުމަތަށް ބުރޫ އަރާ ފަދަ ކަމެއްގައި އޭނާގެ ބައިވެރިވުން އޮތް ކަމަށެވެ.

ސަމާހު ކޯޓުގައި ބުނެފައި ވަނީ އޭނާއަކީ ޗެނަލް 13ގައި މަސައްކަތް ކުރާ މީހެއް ކަމަށާއި، އޭނާ އެ ސަރަހައްދަށް ދިޔައީ ލައިވް ކުރަން ކަމަށެވެ.

އޭނާ ބުނީ ކޯޓުން އެންގީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ގޭގައި އޮންނަން ކަމަށެވެ. އަދި 30 ދުވަހުގެ މުއްދަތަކަށް މިގޮތަށް ކަންތައް ކުރުމަށް އަންގާފައިވާ ކަމަށެވެ.

ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ، އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރަމުން އަންނަ ނޫސްވެރިޔަކު މިފަދަ ގޮތަކަށް ގޭބަންދު ކުރުމުން، ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުވެސް ކިޔަމުންނެވެ.