މިހާރު ރާއްޖޭގައި ލޮލުރޯގާ އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

Ads by Asuru

އެ އެޖެންސީން މިއަދު ކުރެއްވި  ޓްވީޓެއްގައި ވިދާޅުވީ ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިރުޝާދު ދެއްވާ ކަމަށެވެ.

ލޮލުރޯގާ ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ލޮލުން ފެން އައުން، ލޯ ހިރުވުން، ލޯ ރަތްވުން އަދި ލޮލުގައި މަޑުލުން ހިމެނެއެވެ.

މި ބަލިން ރައްކާތެރިކަން ހޯދުމަށް އެންމެ މުހިންމު ކަމަކީ، ސާފުތާހިރު ކަމަށް އިސްކަން ދިނުމެވެ.

އެ ކުރެވިދާނެ ކަންކަމުގެ ތެރޭގައި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމާއި ލޮލުގައި އަތްލުމާއި އުނގުޅުމުން ދުރުހެލިވުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތައިލުން ހިމެނެއެވެ.