އިންތިޚާބަކާ ދިމާކޮށް، ސިޔާސީ މަޤާމު އުފެއްދެވުމަކީ، ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ކުރީގެ ބަންޑާރަ ނައިބު، ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޔަސްރިފަށް މީގެ ހަފްތާއެއްހައި ދުވަސް ކުރިން ވަނީ، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފައެވެ. އޭނާއަށް މިފަދަ މަޤާމެއް ދެއްވިއިރު، މިމަހުގެ 28 ވަނަ ދުވަހު، އެމްޑީޕީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ނުކުންނާނެ ކެންޑިޑޭޓު ކަނޑައެޅުމަށް ވޯޓު ނެގުން އޮންނާނެއެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް އިންތިޚާބެއްގެ މެދުތެރެއިން، އެކަމުގެ ޒަރޫރަތެއް ނެތް، ބޭކާރު ސިޔާސީ މަޤާމު އުފައްދާ، އެ ދިނުމަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހުރަސް އެޅުން ކަމަށެވެ.

“ އަދި އެއީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުތަައް، ނަހަމަ ގޮތުގައި ބޭނުން ކުރުން(އެބިއުސް އޮފް ޕަވަރ)“ ދިޔާނާ ވިދާޅުވިއެވެ.

ޔަސްރިފް އެންމެ ފަހުން ހުންނެވީ އައްޑޫ ސިޓީ ކައުންސިލްގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އޭނާއަށް މިފަދަ މަޤާމެއް ދެއްވީ އައްޑޫ ސިޓީގައި ހުންނަވައިގެން މަަސައްކަތް ކުރެވޭ ގޮތަށެވެ.