ހިޔާ ސަރަހައްދުގައި އާންމު ބަލިތަކަށް ފަރުވާދޭނެ ކްލިނިކެއް ހުޅުވައިފިއެވެ.

Ads by Asuru

އެޗްޑީސީން ބުނީ، ހުޅުމާލޭގައި ހުޅުވި މި ކްލިނިކަކީ ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހިންގާ ކްލިނިކެއް ކަމަށެވެ. މި ކްލިނިކުން ހުކުރު ދުވަހާއި ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ހަވީރު 5:00 އަށް ހިދުމަތް ލިބިގެންދާނެ ކަމަސް އެޗްޑީސީން ބުނެއެވެ. ކްލިނިކް ޤާއިމްކޮށްފައިވަނީ 16 ވަނަ ޓަވަރުގައެވެ.

މާލެ ހޮސްޕިޓަލާއި ގުޅިގެން ހިންގާ މި ކްލިނިކްގެ ސަބަބުން ހިޔާ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް އެއްވަނަ ފިޔަވަހީގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލަށް ނުގޮސް ގާތުން ފަރުވާ ލިބޭނެއެވެ.

މި ކްލިނިކް ޤާއިމްކޮށްފައިވަނީ ލެބޯޓަރީ ޙިދުމަތާއި، ޕަބްލިކް ހެލްތު ޔުނިޓުގެ ޙިދުމަތުގެ އިތުރުން، އެސްޓީއޯ ފާމަސީވެސް ވަނީ ޤާއިމްކޮށްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލާއެކު ޤާއިމް ކުރެވުނު މި ކްލިނިކްގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލަށް އާންމު ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ލޯޑު ކުޑަވާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި އެކި ޙިދުމަތްތައް ދިނުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ހިޔާ ސަރަހައްދުގައި އާންމުންނަށް ބޭނުންވާ ޒަރޫރީ ވަސީލަތް ޤާއިމްކުރުމަށް އެކި މަސައްކަތްތައް މިހާރުވެސް ކުރިއަށް ދެއެވެ.