އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ޤައުމުގެ ޣައްދާރުން ”އޯކޭ“އެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ޔާމީން އޯކޭއެއް ނޫން ކަމަށާއި، އެމަނިކުފާނާއެކުގައި ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރޭ ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިޙު ދެއްކެވި މި ވާހަަކަފުޅަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޣައްދާރުންނާއެކުގައި އެއްވެސް މަސައްކަތެއް ދުވަހަކުވެސް ނުކުރައްވާނެ ކަމަށެވެ.

ރައީސް ޞާލިޙު ޓެގް ކުރައްވައި، ކުރެއްވި ޓްވީޓުގައި އަބްދުއްރަޙީމް ވަނީ މި ޤައުމު ދެކެފައިވާ އެންމެ ބޮޑު ޣައްދާރަކީ ރައީސް ޞާލިޙު ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީން ”އޯކޭ“ ނޫން ކަމަށް ވިދާޅުވެ، ރައީސް ޞާލިޙު ވަނީ އަނިޔާވެރިކަން ނެތި ބިރުވެރިކަން ފިލައި ހައްގުތައް ކަށަވަރުވި އިރު، ބުރައިގެ މައްޗަށް ބުރަ، ބިރުގެ މައްޗަށް ބިރު، އަނިޔާގެ މައްޗަށް އަނިޔާ ތަކުރާރުކޮށް ތަހައްމަލު ކުރި ބަޔަކީ ވެސް އެމްޑީޕީ ކަމަށް ވިދާޅުވެފައެވެ.

”އެއީ ޑިމޮކްރަސީއަށްޓަކައި ރާއްޖޭގެ ނިޒާމު ހަމަ މަގުން ހިންގުމަށްޓަކައި ހުދު އަޅުގަނޑުމެންނަށްޓަކައި ވެސް އެކަން އޮތް ގޮތް. ވޭތުވެދިޔަ ތަނުގައި ތިޔަބޭފުޅުންނަށް ކުރި އަނިޔާތަކާއި ދެއްކި ބިރާއި އޭގެ ފަހަތުގައި ތިބި މީހުންނަށް އަޅުގަނޑު އޯކޭއެއް ނޫން. އެމީހުންނާ އެކީގައި އަޅުގަނޑު ކުރާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ،“ ރައީސް ވިދާޅުވިއެވެ.