އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެހެން ސިޔާސީ ޕާޓީތަކުގެ ކުލަތައް ޖެހޭ ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކަންބޮޑުވުންފާޅު ކުރައްވަފިއެވެ.

Ads by Asuru

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ. މާޅޮހަށް ވަޑައިގެން އެރަށު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މި ޕްރައިމަރީއަކީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މީގެތެރޭގައި އެހެން ކުލަތައް ޖެހެމުން އަންނަ ކަމަށެވެ.

”ވިސްނަވަންވާނެ އެކަމާ ދޭތެރޭ. ބޭނުމަކީ ކޮބައިކަން، ބައެއް ރަށްރަށުން އެމަންޒަރު މިހާރު ފެންނަމުން އެބަދޭ.“ ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކުރަމުން ގެންދާ ކަންތަކާމެދު އެމްޑީޕީގެ މެންބަރުން ވިސްނަންޖެހޭނެ ކަމަށެވެ.

އިދިކޮޅުން ކުރަމުންގެންދާ ކަންތައްތަކަކީ އެމްޑީޕީއަށް ވެރިކަމުގައި އޮވެވެން އޮތުމުން އެކަމަށް ހުރަސްއެޅުމަށް ކުރާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

”ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް، އެބޭފުޅުންނަށް ވާދަ ކޮށްލެވެން އޮތީ މީގެތެރެއަށް ވަދެ މި ގަޑުބަޑު ކޮށްގެން ކަމަށް ފެންނާތީ އެބޭފުޅުން ނިކުމެ އެތިބީ.“ ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން ވަރަށް ފުރިހަމަ ޑިމޮކްރަޓިކް ނަމޫނާއެއް ދައްކަމުން އަންނަ ކަމަށެވެ.