ފޮތި ވިއްކާ ފިހާރައެއްގައި އުޅޭނަމަ، ކޮންމެ ދުވަހަކުވެސް ރިބަން ކަނޑަން ޖެހޭނެ ކަމަށް ޝެއިހު ފަޒްލޫން ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ، ވެރިކަމުގެ ދައުރުގެ ބާކީ މި އޮތް ހުރިހާ ދުވަހަކުވެސް، ރިބަން ކަނޑަން ޖެހޭ ވަރަށް ތަރައްގީގެ އެކި މަޝްރޫއުތައް ހިންގިއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން، ކުރެއްވި ޓްވީޓެއްގައެވެ.

 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އ.އ ތޮއްޑުއަށް އިއްޔެ ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ރަށްރަށުގެ ބަނދަރު ތަރައްގީކޮށް ނިންމާފައިވާ ކަމަށެވެ.

”ހަމައެކަނި ބަނދަރުގެ ވާހަކަ ދައްކަންވެއްޖިއްޔާ އަޅުހަނޑުގެ ވާހަކަ ނުނިމި ބައިގަޑި އިރު ވަރުވާނެ“ ކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑުގެ މި ސަރުކާރުގެ މިހާތަނަށް އައި އިރުގައި ކޮށްނިންމާފައި ހުރި ކަންތައްތައް ހުޅުވަން ޖެހޭ ކަމަށްވަންޏާ، ރިބަން ކަނޑަން ޖެހޭ ކަމަށްވިއްޔާ، އަޅުގަނޑުގެ މި ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަކުރަން ޖެހޭނީ އެކަމަށް. އެ ވަރަށް މަސައްކަތްތައް ނިމިފަ އެބަހުރި. މަސައްކަތްތައް ކުރެވެމުން އެބަދޭ. ދައުރުގެ މިއަހަރުގެ ޖުލައި އޮގަސްޓްހާ ހިސާބަށް ދާއިރުގާ މި ދެންނެވި ހުރިހާ މަސައްކަތެއްހެން ހުންނާނީ ނިމިފަ. އަޅުގަނޑު ވަގުތު އެކަމަށް ހޭދަކުރާނަމަ ދެން ނޯންނާނެ ކުރާނެ އެހެންކަމެއް“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވަކި މުއްދަތަކަށް މަޝްރޫއުތައް ނިމެނީ ޕްލޭން ކޮށްގެން އަމާޒެއް އޮވެގެން މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19އިގެ ދަތި ވަގުތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.