ދިވެހި ދައުލަތުގެ މީޑިއާއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޕްރޮމޯޓްކޮށް، އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމަށް އެއްވެސް ފުުރުސަތެއް ނުދޭތީ، އިދިކޮޅުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Asuru

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ވަނީ ޕީއެސްއެމްގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ވަކި ޕާޓީއެއް ޕްރޮމޯޓް ކުރުމާއި ޕާޓީގެ ހައިސިއްޔަތުން ރައީސް ސޯލިހު ކުރައްވާ ކަންކަންވެސް، ޕީއެސްއެމްއިން ޕްރޮމޯޓް ކުރާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކޮށްފައެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދައުލަތުގެ މީޑިއާއިން، އިބްރާހީމް ރައީސްގެ ކެމްޕެއިން އިޝްތިހާރު ކުރާ ކަމަށާއި، އިދިކޮޅު ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމަށް އެއްވެސް ފުރުސަތެއް ނުދޭ ކަމަށެވެ.

”ހަމަ ހަމަ ފުުރުސަތު ކީއްކުރަންތޯ، އެއްވެސް ފުރުސަތެއް ވާދަވެރި އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ނުލިބުން.“

އެމްޑީޕީ އަކީ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވީއިރު، ދައުލަތުގެ މީޑިއާއިން އެ އިރެއްގައި އޮންނަ ސަރުކާރެއް ޕްރޮމޯޓް ކުރުމާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރަމުން އައި ބައެކެވެ. ނަމަވެސް، އެ ޕާޓީއަށް ވެރިކަން ލިބުމުން، މިކަން ވަރަށް ބޮޑަށް ބަދަލުވެ، ޕީއެސްއެމުން ސިޔާސީ އެތައް ކޮންޓެންޓެއް ގެނެސްދެމުން އަންނަކަން ވަރަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.