މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހީނާ މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނުގައި އއ. މާޅޮހަށް ވަޑައިގެން އެރަށު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރަން، އިދިކޮޅުން  އުޅޭކަމަށް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ހީނާ ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅުގެ އެއްވެސް ޝައުގެއްނެތް ކަމަށެވެ. އަދި އިދިކޮޅުގެ ހުރިހާ ފޯކަސްއެއް ހުރީ މަނީލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި ޖަލުގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ ރައީސް ޔާމީންގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް.“ ހީނާ ވިދާޅުވިއެވެ.

ހީނާ މިހެން ވިދާޅުވިއިރު، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.