ޕްރައިމަރީގެ ކެމްޕެއިނުގައި ހިނގައިދިޔަ އެއްވެސް ދެކޮޅުވެރިކަމެއް މިހާރު ހިތްޕުޅުގައި ނެތް ކަމަށާއި، ޕާޓީއާއެކު ކުރިއަށްދާން ތައްޔާރަށް ހުންނެވި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި، ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރެއްވުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅު ފައްޓަވަމުން، އެމަނިކުފާނަށް ވޯޓު ދެއްވި އާންމު މެމްބަރުންނަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި އެ އެންމެންވެސް އެމަނިކުފާނަށް ވޯޓު ދެއްވީ އެމްޑީޕީއާއެކުގައި ކުރިއަށްދާން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި އިންތިހާބުގެ ވާދަވެރިކަން ދެން މި ނިމުނީ ކަމަށާއި، އަސްލު މަސައްކަތް ދެން މި ފެށުނީ ކަމަށެވެ.

ރައީސް ވިދާޅުވީ ވާދަވެރި އިންތިޚާބެއްގައި ފެންނަން ބޭނުން ނުވާ އެތައް ކަމެއްވެސް ފެންނާނެ ކަމަށާއި، އެހެންނަމަވެސް އެއިން އެއްވެސް ކަމެއް މިހާރު ހިތްޕުޅުގައި ނެތް ކަމަށެވެ.

ރައީސް ވަނީ އެމްޑީޕީގެ އެންމެން އެކުގައި ނުކުމެ އެމްޑީޕީ ކުރިއަށް ގެންދިޔުމުގެ މަސައްކަތުގައި ބައިވެރިވާން ގޮވައިލައްވައިފައެވެ. ރައީސް ވިދާޅުވީ ޕްރައިމަރީގެ ކެމްޕެއިނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދަތުރުފުޅު ކުރެއްވުނު ކަމަށާއި، އެ މަނިކުފާނުގެ ތަޖުރިބާއަށް ބަލާއިރު، މި ނިމުނު ޕްރައިމަރީއަށްވުރެ މާ ފަސޭހަ ކަމާއެކުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

”އެއީ އަޅުގަނޑަކަށް ޝައްކެއް އޮތް ކަމެއް ނޫން. އެތެރޭގައި މި ހިނގީ، ވާދަވެރި މަސައްކަތަކަށް ވާތީ، އަޅުގަނޑުމެންނަށް ބައެއް ފަހަރު މަޑު ޖައްސާލަން ޖެހުނު. އެއީ އެކުވެރި، އެކީގައި އުޅެފައި، އެއް ވިސްނުމެއްގައި ތިބި ބަޔަކަށް ވާތީ. އެހެންނަމަވެސް، ދެން އޮތް މަރުހަލާގަ، އަޅުގަނޑުމެންނަށް މާ ފަސޭހަ ވާނެ.“

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް އެއް ވިސްނުމެއްގައި ކުރިއަށްދާ ޕާޓީއެއް ކަމަށާއި، އެ ވިސްނުމަކީ ރާއްޖެއަށް ހަމަޖެހުމާއި ތަރައްޤީ ގެނެސް، ޙިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިނުމުގެ ވިސްނުން ކަމަށެވެ. އެހެންކަމުން، އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ނައްތާލައި، އެކުގައި މަސައްކަތްކޮށް، އިދިކޮޅު ބަލި ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ހަރަކާތްތައް މަޑު ޖެހި، ސަރުކާރަށް ދާންވީ ސްޕީޑުގައި ނުދެވުނީ، އެތެރޭގެ ވާދަވެރިކަން ބޮޑުވުމުން ކަމަށާއި، އެކަންކަން ހަނދާން ނައްތާލައްވައި، ޕާޓީއާއެކުގައި ކުރިއަށްދާން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.