އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ޓިކެޓް ހޯއްދެވުމާ އެކީ މި ވަގުތަށް ގައުމު ސަލާމަތްވެއްޖެ ކަމަށް މަރަދޫ ދާއިރާގެ މަލިޖިސް މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by Asuru

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހަަށް ތާއީދު ކުރައްވައި، ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދެވި މަވޯޓާ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ނަޝީދުގެ ކިބައިން މި ވަގުތަށް ގައުމު ސަލާމަތް ކުރެވުނަސް ކުރަން ހުރި މަސައްކަތްތައް އަދި ކުރިއަށް އޮތީ ކަމަށެވެ.

”ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ފުރައްސާރަ އާއި އުނދަގޫތައް ގިރާކޮށް ރައީސް ސޯލިހު މަރަދޫ ދާއިރާގެ ކެމްޕޭންގައި ކުރި ބުރަ މަސައްކަތް ފާހަގަކޮށް ހައްގު ޝުކުރު ވެސް އަދާކުރަން.“ މަވޯޓާ ވިދާޅުވިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ.

މި އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަަސެންޓެވެ.