އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ހަޔާތާމެދު ހުވަފެންތައް ދެކޭނެ މީހެކެވެ. ހާސިލު ކުރަން ބޭނުންވާ ކަންތައްތަކެއް ހުންނާނެ މީހެކެވެ. ނޫންހެއްޔެވެ؟ މި ހުވަފެންތައް ފެށިގެން އަންނަނީ އެންމެ ޅަ ދުވަހުންސުރެންނެވެ. ކުޑަ ކުއްޖެއްގެ ކައިރީގައި ބޮޑު ވެގެން ވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށްތޯ އަހައިފިނަމަ، އެ ކުއްޖެއްގެ ހުވަފެންތައް ކިޔައިދެއެވެ. ޑޮކްޓަރަކަށް ނޫނީ ޕައިލެޓަކަށް، ނޫނީ ކުރެހުންތެރިޔަކަށްވެސް ވާން ބޭނުންވެދާނެއެވެ. އެކި މީހުން ބޭނުންވާނީ އެކި ކަންކަމެވެ.

Ads by Asuru

އައިމިނަތު އައްޒަ އާމިރު އާމިރަކީވެސް ޅަ ދުވަހުން ފެށިގެން، ކަމެއް ހިތުލައިގެން، އެކަމައިގެން ކުރިއަށްދާން މަސައްކަތް ކުރަމުން އަންނަ، ވަރަށް ހިތްވަރު ގަދަ، ނަމޫނާ ޒުވާނެކެވެ. އުމުރުން އެންމެ 22 އަހަރުގެ އައްޒަ އަބަދުވެސް ކުރާ ހިތްވި ކަމަކީ ކޭކު އެޅުމެވެ. މިއަދު އޭނާ އަކީ، ކާމިޔާބު، ޒުވާން ވިޔަފާރިވެރިއެކެވެ. ޒުވާން އަންހެން ކުދިންނަށް ހުރި މިސާލެކެވެ.

ކޭކު އަޅަން ފެށީ އެންމެ 16 އަހަރުގައި

2017 ވަނަ އަހަރުގައި މާލެ އައިސް ކޯހެއް ހަދައި، ކޭކު އަޅަން ދަސްކޮށް، އައްޒަ އަމިއްލަ ރަށް، އއ.ތޮއްޑޫގައި ކޭކު އެޅުމުގެ މި ވިޔަފާރިއެއް ކުރަމުން އަންނަތާ ހަ އަހަރު ވަނީއެވެ. އައްޒަ ކޭކު އަޅަން ފެށިއިރު، އުމުރުން އެންމެ 16 އަހަރެވެ.

އެންމެ ކުޑައިރުންސުރެ ކޭކު އަޅާހިތްވާ އައްޒަ، އޯލެވެލް ނިންމި ގޮތަށް މާލެ ދިޔައީ އެކަން ދަސް ކުރާށެވެ. ކޭކު ކޯހެއް ފުރިހަމަކޮށް ރަށަށް ދިޔުމުން، އެންމެ ފުރަތަމަ އޯޑަރު ލިބުނީ، އައްޒަގެ ބައްޕަގެ ރަހްމަތްތެރިއެއްގެ ފަރާތުން ކަމަށް އައްޒަ ބުންޏެވެ.

”އޭރު ހަމަ ގިނައިން ލިބޭނީ އެ ފަރާތުގެ އޯޑަރ. އޭރު ކޭކު ހަދާ އެފްބީއަށް ލަން. ޕޭޖެއް ހުޅުވީ 2021ގަ. ކޭކު އޯޑަރސް ލިބެން ފެށީ އޭގެ ފަހުން އަސްލު.“ ކޭކްސް ބައި އައްޒަ ފެށިގެން އައި ގޮތް ކިޔައިދެމުން އައްޒަ ބުންޏެވެ.

އައްޒަގެ ކޭކު ޕޭޖުގެ މި ލިންކުން، އޭނާ އަޅާފައިވާ ރީތި ކޭކުތައް ބަލައިލެވޭނެއެވެ.

މަަސައްކަތުގައި ހަ އަހަރުވީއިރު، އައްޒައަށް ވަރަށް ގިނައިން ކޭކު އަޅަން އޯޑަރު ލިބެއެވެ. ޗޮކްލެޓް ކޭކާއި، ބަޓަރކްރީމް ކޭކާއި، ޓްރެސް ލެޗެސް، އަދި ރެޑްވެލްވެޓް ކޭކުވެސް އައްޒަ އަޅައެވެ.

 

އައްޒަ އެޅި ކޭކެއް–

 

އޭނާ ބުނީ މިހާރު ގެސްޓްހައުސްތަކުންވެސް އޯޑަރު ލިބޭއިރު، ޑިމާންޑް އޮންނަ ނަމަ، މާލެއަށްވެސް ފޮނުވައިދޭ ކަމަށެވެ. މާލެއިން ގިނައިން އޯޑަރު ލިބެނީ އާއިލާ މީހުންގެ ފަރާތުން ކަމަށް އައްޒަ ބުނެއެވެ.

އައްޒަ ކައިވެންޏަކަށް އެޅި ކޭކެއް

 

އައްޒަ ބުނަނީ ގޭގައި ހުރެގެން އާމްދަނީއެއް ހޯދަން މިއީ ވަރަށް ރަނގަޅު މަަސައްކަތެއް ކަމަށް

 

ޒުވާން ވިޔަފާރިވެރިޔާ އައްޒަ އާމްދަނީ ހޯދަން ކުރާ ހަމައެކަނި މަސައްކަތަކީ ކޭކު އެޅުމެވެ. އައްޒަ ބުނީ، މިއީ ވަގުތު ދީގެން ކުރާނަމަ، ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށެވެ. އައްޒަގެ މި މަސައްކަތުގައި އޭނާގެ މަންމައާއި، ކޮއްކޮއާ ތިއްތަ އަދި ބެސްޓްްފްރެންޑްގެ ފަރާތުން ވަަރަށް ބޮޑު އެހީއެއް ލިބެއެވެ. ކޭކު އަޅާ ސާމާނު ރަށުން ގަންނަން ނުލިބޭއިރު، އައްޒައަށް އެ ތަކެތި ފޯރުކޮށްދެނީ މާލޭގައި ތިބޭ ތިއްތަ އާއި ކޮއްކޮއެވެ. އަދި ބޭރުން ތަކެތި ގެނެސްދެނީ ދައްތައެވެ.

 

އައްޒަ އެޅި ކޭކެއް–

އައްޒަގެ ހުވަފެނަކީ ވިޔަފާރި ފުޅާ ކުރަމުން ގޮސް، ކޭކު ފިހާރައެއް ފެށުމެވެ. މި ފަންނުގައި ކުރިއަށް ދިޔުމަށް އައްޒައަށް އެންމެ މުހިންމު އެކައްޗަކީ ކަސްޓަމަރުންގެ ހިޔާލެވެ.

އައްޒައަށް ޕޮޒިޓިވް އަދި ނެގެޓިވް ފީޑްބެކްވެސް ބައެއް ފަހަރު ލިބޭއިރު، ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ކުރިއަށް ދެވޭތޯ، އައްޒަ ވަރަށް މަސައްކަތް ކުރެއެވެ. އަސުރުން އެދެނީ އައްޒަގެ މި މަސައްކަތުގައި އިތުުރު ކާމިޔާބީއެވެ.