ކަސްރަތުކޮށް، މިންހެޔޮ ކެއުމެއް ކައި އުޅުމުގެ މުހިންމު ކަމުގެ ވާހަކަ އަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ.

Ads by Asuru

ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުގެ އިތުރުން، ”އެކްޓިވް“ކޮށް ހުރުމުގެ ބޭނުންތެރިކަން، ގިނަ މީހުންނަށް މިހާރު ވިސްނެއެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި، މިކަމުގެ މުހިންމުކަން، ސްމާޓް ފޯނެއް ގެންގުޅެ، ސޯޝަލް މީޑިއާއަށް ވަދެލާ މީހަކަށްވެސް ދޭހަވާ މިންވަރަށް، ދުނިޔޭގެ އެތަން މިތަނުން، ޕްރޮފެޝަނަލުން އެ ދަނީ ކިޔައިދެމުންނެވެ.

އެކަމަކު، ގިނަ މީހުންނަށް ދެއްކޭ ބަހަނާ އަކަށް ވަނީ ވަގުތު ނުވާ ވާހަކައެވެ. ވަޒީފާގައި ބުރަކޮށް އުޅެން ޖެހުމުން ފެށިގެން، ގޭތެރޭގައި ކުރަން ހުންނަ ކަންކަން ދޫކޮށްލައިފައި، ދަރިންވެސް ދޫކޮށް ކަސްރަތު ކުރަން ނުނުކުމެވޭ ވާހަކައެވެ. ނަމަވެސް މި ހުރިހައި ބަހަނާއަކުން ސަލާމަތްވެގެން ނޫނީ، ދުޅަހެޔޮ ސިއްހަތެއްގައި ދެމި ނުހުރެވޭނެކަން ސާބިތުކޮށްދެމުން އަންނަ، ހިތްވަރު ގަދަ ފަހުލަވާނުންވެސް މަދެއް ނޫނެެވެ.

ފިޓްނަސްގެ ދާއިރާގައި 15 އަހަރު

މި ކިޔައިދެނީ ހީޓު ޖިމްގައި ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފާތިމަތު ޝާޒްލީ(ޝާޒް) ދޭ ނަސޭހަތްތަކެކެވެ. އޭނާ އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެތައް ބަޔަކަށް ބާރު އަޅައި، އެކަމުގައި ގިނަ ބަޔަކަށް ކާމިޔާބީއާ ހަމައަށް ވާސިލު ކޮށްދެމުން އަންނަ ފަރާތެވެ. މި ދާއިރާގައި ސިންގަޕޫރު، އަދި ޔޫކޭ ފަދަ ގައުމުތަކުގައި ތަމްރީންވެ، 15 އަހަރުގެ ތަޖުރިބާވެސް ޝާޒް ވަނީ ހޯދައިފައެވެ.

ޝާޒް އަކީ ދެ ކުދިންގެ މަންމައެކެވެ. ދަރިންގެ ކަންކަމަށް ވަގުތު ދެމުން، އޭނާއާ ހިތާ ހިތުގެ ގުޅުން އޮންނަ ފިޓްނަސްގެ ދާއިރާއަށް ވަގުތު ހުސްކުރަނީ، ކަމަށް އޮންނަ ލޯތްބެއްގެވެސް ބޮޑުކަމާއި  ”ފިޓް“ކޮށް ހުންނަން ބޭނުންވާ މީހުންނަށް އެހީތެރިވެދޭހިތްވާލެއްވެސް ބޮޑުކަމުންނެވެ.

 

ޝާޒް–

 

ޝާޒް ބުނަނީ ކަސްރަތު ކުރަން ވަގުތު ހޯދޭނެ ކަމަށް

ޝާޒް ބުނާ ގޮތުން، ތިމާގެ އަމިއްލަ ނަފްސުގެ ޖިސްމާނީ ދުޅަހެޔޮކަމަށްޓަކާ އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ ކަސްރަތު ކުރުމަށް ވަގުތު ނުވާ ވާހަކަ އަކީ އޭނާއަށް ގަބޫލު ކުރެވޭ ވާހަކައެއް ނޫނެވެ. މިއީ ބަހަނާ ނުދައްކައި، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ހަދަން ޝާޒް ނަސޭހަތްތެރިވެއެވެ.

 

 

”ޖަންކް ފުޑް އެއްޗެހި ކާން ވަގުތު ވަންޏާ، އެކަހަލަ ފައިދާއެއް ނެތް އެއްޗެހި ކާން، ރައްޓެހިންނާއެކު ގޮސް އުޅެން ވަގުތު ހުސް ކުރާހެން، ކަސްރަތު ކުރަންވެސް ވަގުތު ދޭން ޖެހޭ. އެކަންވާނެ. ވަގުތު ނުވާ ކަމަށް ބުނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން.“

ޝާޒް ބުނީ ކޮންމެ ކޮންމެ ދުވަހަކު ކަސްރަތު ނުކުރެވުނަސް، ހަފްތާއަކު ތިން ދުވަހު ނަމަވެސް، ކަމުގެ ތަޖުރިބާ ހުރި މީހެއް ކައިރިން ޓްރެއިން ވެލުން މުހިންމު ކަމަށެވެ. އޭނާ ބުނާ ގޮތުގައި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ކުޑަ ކުޑަ ބަދަލަކުންވެސް ނަތީޖާ ނެރެވިދާނެއެވެ. އެކި މީހުންގެ ހަށިގަނޑާ ގުޅޭނީ އެކި ކަހަލަ ކަސްރަތު ކަމަށްވާއިރު، އެ ތަފާތުތައް ދެނެގަންނަން އެނގޭ މީހެއް ކައިރިއަށް ގޮސް، ކަސްރަތު ކުރުމަކީ ފިޓްކޮށް ހުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެންމެ މުޖައްރިބު ގޮތެވެ.

”މިއީކީ އެއް ދުވަހުން، ދެ ދުވަހުން ނަތީޖާވެސް ނެރެެވޭ ކަމެއް ނޫންކަން ދަންނަން ޖެހޭ. އެންމެ މުހިންމު އެއް ކަމަކީ، މިކަމުގައި ދެމި ހުރުން. ހެލްތީިކޮށް ކައި، ކަސްރަތު ކުރުމުގައި ދެމި ހުރުން.“

 

ޝާޒްއަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ

ފިޓްނަސްގެ ދާއިރާގައި 15 އަހަރުވީއިރު، ޝާޒްއަށް އެންމެ ތަފާތު ތަޖުރިބާއަކަށްވީ، ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި، އޮންލައިންކޮށް މީހުން ޓްރެއިން ކުރަން ޖެހުމެވެ. ގޭގައި ބަންދުވުމުންވެސް، މަސައްކަތާ ދުރަށް ނުދިޔުމުގެ ވިސްނުމުގައި ޝާޒް އޮންލައިން ޓްރެއިނިން ސެޝަންތައްް ކުރިއަށް ގެންދަން ފެށުމުން، އަތޮޅުތެރެއިންވެސް އެކަމަށް ހޫނު ތަރުހީބެއް ލިބުނެވެ.

ޝާޒް ބުނީ، އޭނާގެ އަމާޒަކީ ކޮންމެ ކްލައިންޓަކުވެސް އެމީހެއްގެ ލަނޑުދަނޑިއަށް ވާސިލުކޮށްދިނުން ކަމަށާއި، މިހާތަނަށް އޭނާގެ އެއްވެސް ކްލައިންޓެއް، ނަތީޖާ ނުނެރެވިގެން މާޔޫސްވެގެން އެއްޗެއް ބުނެފައި ނުވާނެ ކަމަށެވެ.

”ބައެއް ސަބަބުތަކާހުރެ މެދުކެނޑުނަސް، އަނެއްކާވެސް އަޅުގަނޑުގެ ކްލައިންޓުން އެނބުރި އާދޭ. އެއީ އަޅުގަނޑަށް ގަބޫލުކުރެވެނީ، އެ މީހުން ހިތްހަމަޖެހޭތީއޭ.“

ޝާޒް ހޯދައިފައިވާ ބައެއް ސެޓްފިކެޓްގެ ތެރެއިން–

ޝާޒް ހޯދައިފައިވާ ބައެއް ސެޓްފިކެޓްގެ ތެރެއިން–

ޝާޒް ހޯދައިފައިވާ ބައެއް ސެޓްފިކެޓްގެ ތެރެއިން–

 

ޝާޒްގެ އިންސްޓެގްރާމް ޕޭޖުން، އޭނާގެ މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތުތައް ބަލައިލެވޭނެއެވެ. މި ލިންކުން އެ ޕޭޖު ބަލައިލެވޭނެއެވެ. 

ޝާޒްގެ އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާ

ފިޓްނަސްގެ ދާއިރާގައި ދެގޮތެއް ނުވެ، އެއްވެސް ވަރުބަލިކަމެއް ނެތި ދެމިހުރުމަށްޓަކައި، ޝާޒްއަށް އެންމެ ބޮޑު އެހީއެއް ވަނީ އޭނާގެ ފިރިމީހާއެވެ. ޝާޒް ބުނާ ގޮތުގައި، ފިރިމީހާގެ އެއްބާރުލުމާ ނުލައި، އޭނާއަށް މިއަދު ހުރި ހިސާބަށް ނާދެވޭނެއެވެ. މަސައްކަތާ ގުޅުން ހުރި ކަންކަމުގައި، ބުރަ ބޮޑުވެގެން، ގެއަށް ނާދެވޭ ދުވަސް ދުވަހު، އެ ޒިންމާއާ ހަވާލުވެ، އެހީތެރިވިދީ ޝާޒްގެ ފިރިމީހާއެެވެ.

ޝާޒްގެ އުއްމީދަކީ މި ދާއިރާގައި އަދިވެސް ގިނަ ބަޔަކަށް ހިދުމަތް ކުރުމެވެ. ”އަސުރުން“ އެދެނީ ޝާޒްގެ މަސައްކަތުގައި އެންމެ ފުރިހަމަ ކާމިޔާބީ މިންވަރު ކުރެއްވުމެވެ.