މާލެ ސިޓީ ކައުންސިލުގެ އިހްތިސޯސްގެ ތެރޭގައިވާ ހުޅުމާލެ ސިޓީ ކައުންސިލާ ހަވާލުކޮށް، ގާނޫނު ތަންފީޒު ކުރަންޖެހޭ ކަމަށާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އަށްވުރެ ރަނގަޅަށް، ސިޓީ ކައުންސިލަށް ހުޅުމާލެއަށް ހިދުމަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
ހުޅުމާލެ އަކީ މާލެ ސިޓީގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަަނަކަށްވާއިރު، އެތަން ސިޓީ ކައުންސިލާ ހަވާލު ނުކުރާ މައްސަލައިގައި، މާލެ ސިޓީ ކައުންސިލުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއީ ގާނޫނުން ސާފުކޮށް އެނގެން އޮތް ކަމަށާއި، ހުޅުމާލެ އަކީ މާލޭގެ އިހްތިސޯސްގައިވާ ތަނެއް ކަމަށެވެ.
”އެހެންވީމަ، މި ވާންވީ ގޮތަކީ ގާނޫނު ތަންފީޒު ކޮށްދޭންވީ. ގާނޫނު ތަންފީޒު ކުރުމުގެ މާނަ އަކީ މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި މި ސަރަަހައްދުގައި، ގާނޫނު ހިނގުމުގެ ބާރު ދޭންވީ( މި ކައުންސިލަށް). އެކަން ކުރެވޭނީ ސަރުކާރަށް. ސަރުކާރުން ހުޅުމާލެ ކޮންޓްރޯލް ކުރައްވަނީ އެޗްޑީސީއަށް ދީގެން.“ މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އެޗްޑީސީއަތުން ބާރުތައް ނެގުމަށްފަހު، އެކުންފުނީގައި ހުރި ރިސޯސްތަކާއި ބަޖެޓާ އެއްކޮށް، ހުޅުމާލެއަށް ހިދުމަތް ދިނުުުމުގެ ޒިންމާ، ސިޓީ ކައުންސިލާ ހަވާލު ކުރުމަށް އެދިވަޑައިގެންފައެވެ.
”ހަވާލު ކުރީމަ އަޅުގަނޑުމެން، އެޗްޑީސީން އެކުރާ ވަރަށްވުރެ ރަނގަޅަށް، ހަމަ ޔަގީނުންވެސް ރައްޔިތުންނާ ގުޅިގެން އަޅުގަނޑުމެން ކުރާނީ. އެޗްޑީސީ އަކީ ރައްޔިތުންނާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން، އެއީ ކުންފުންޏެއް. ކުންުފުންޏަކުން ރައްޔިތުން ހިންގޭނެ ގޮތެއް އަދި ހިއެއް ނުވޭ ދުނިޔޭގައި ތައާރަފު ކޮށްފައި އޮތްހެނެއް.“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ރައްޔިތުން ހުޅުމާލެ ދާއިރާގެ ކައުންސިލަރަކު ރައްޔިތުން ހޮވާފައިވާ ކަމަށާއި، އެ ކައުންސިިލަރު ކުރައްވާނެ މަސައްކަތްތަކެއް ނޯންނަ ކަމަށެވެ.