ކޮންމެ ކަަމަކީވެސް ކުރާ ހިތުން ކުރާ ކަމެއް ނަމަ، އެކަމެއް ދަސްކުރާކަށް މާ އުނދަގޫ ނުވާނެކަން ޔަޤީނެވެ. މިކަން ކަށަވަރު ކޮށްދެނީ ތަފާތު އެކި ކަންކަން އުނގެނި، އެކަމެއް ކުރުމުގައި ދެމި ތިބޭ ހިތްވަރު ގަދަ ހުނަރުވެރިންނެވެ.
އިންސްޓެގްރާމުން ފެންނަ ލޫޝަސްބައިޓްސްގެ ބާނީ، ފާތިމަތު މަޢާނާ އަކީވެސް، އަމިއްލައަށް ކޭކު އަޅަން ދަަސްކޮށް، މި މަސައްކަތުގައި ކުރިއަށްދާ ހީވާގި އަންހެނެކެވެ. ލޫޝަސްބައިޓްސްއިން ފެންނަނީ މަޢާނާ ކޮށްފައިވާ ބުރަ މަސައްކަތްތަކެވެ.
އޭނާ މި މަސައްކަތް ކުރަނީ ވަރަށް ހިތްވަރުންނެވެ. ގޭގައި މަންމަމެން ކޭކު އަޅާތަން ފެނި، މަޢާނާ އަޖުމަ ބަލައިލަން އެޅި ކޭކު ގޭގެ އެންމެންނަށްވެސް ކަމު ދިޔުމުން، އޭނާއަށް މި ކަމެއްގެ ތެރެއަށް ވަދެވުނީއެވެ.

އެހެންނަމަވެސް މިއީ އޭނާ ކުރާ ހަމައެކަނި މަސައްކަތެއް ނޫނެވެ. މަޢާނާ އެންމެ ކުރިން ކުރަން އުޅުނު މަސައްކަތަކީ ފެހުމެވެ. މަންމަމެން ފަހާތަން ފެނި އެކަން ފެށުމަށް ހިތުލައިގެން އުޅުނު ނަަމަވެސް، އެންމެ ފަހުން އޭނާގެ ހިތް ގޮސް ހުއްޓުނީ މި ކޭކުގެ ވިޔަފާރިއަށެވެ. ނަމަވެސް މިކަމުގައު އުޅެމުން އެކި ފާޑު ފާޑުގެ އަތްތެރި މަސައްކަތްވެސް ކޮށް އުޅެއެވެ. މަޢާނާ ބުނި ގޮތުގައި، އޭނާ މި މަސައްކަތްތައް ކުރަނީ އޯޑަރަށް އަޅާ ކޭކުތަކަށް ވަގުތު ދިނުމަށްފަހު، އިތުރަށް ވަގުތު ލިބޭ ވަރަކުން ކަމަށެވެ. މަޢާނާގެ ބައެއް ކްރާފްޓް މަސައްކަތްތައް، މި ލިންކުން ބަލައިލެވޭނެއެެވެ.
މަޢާނާ ކޭކު އެޅުމުގެ ވިޔަފާރި ކުރިއަށް ގެންދަނީ ތިން ދަރިންނާ ފިރިމީހާއާއެކުގައި އެކަނި ދިރިއުޅެމުން، ގޭތެރޭގެ ހުރިހާ މަސައްކަތެއްވެސް ކުރަމުންނެވެ. އޯޑަރ ނަގަނީ އަންބަކާއި މައެއްގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ކުރުމަށްފަހުގައި ލިބޭ ހުސްވަގުތުތަކުގައެވެ. ވަޒީފާއަކަށް ނުގޮސް ގޭގައި އިނދެގެން ކުރާ މި މަސައްކަތުން، މަޢާނާއަށް ހިތްހަމަޖެހޭވަރުގެ އާމްދަނީއެއް ލިބެއެވެ.
މަޢާނާ ބުނީ ކަސްޓަމަރުން އޭނާގެ މަސައްކަތްތަކާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަަމަށާއި ދުވަހަކުވެސް އޭނާ އެޅި ކޭކެއް ކަމު ނުގޮސްގެން ކަސްޓަމަރުން ޝަކުވާ ކޮށްފައިނުވާ ކަމަށެވެ.

”ކޭކުތައް އަބަދުވެސް ކަސްޓަމަރުން އެދޭ ދުވަހަށް ނިންމައިދެން. އަދި މިހާތަނަށް ނެތް ނެގެޓިވް ފީޑްބެކެއް ލިބިފައެއް.“
ކާމިޔާބު ކޮންމެ މީހެއްގެ ފަހަތުގައިވެސް، ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ވާނެއެވެ. މަޢާނާ ކުރާ މަސައްކަތުގައި އޭނާއަށް އެންމެ ބޮޑަށް އެހީތެރިވެދެނީ ފިރިމީހާއާ ކޮއްކޮމެން، އަދި އެންމެ ގާތް އެކުވެރިޔާ ލީޒްއެވެ.

ކޭކު އަޅަމުން އަންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މަޢާނާ އަކީ ފުލްޓައިމް މަންމައިންނަށް ނަމޫނާއެކެވެ. މަންމައަކަށްވުމުން، ހުވަފެންތަކުގައި ކުލަ ނުޖެއްސޭނެ ކަަމަށް ގަބޫލު ކުރާ މީހުންނަށް، އޭނާ އަކީ އިންސްޕިރޭޝަންއެއްވެސް މެއެވެ.
