މާލެ ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަކުރުމަށް ނިންމައިފިއެވެ.

Ads by Asuru

ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަކުރުމަށް ނިންމީ މާލޭސިޓީ ކައުންސިލްގެ މުނިސިޕަލް ސާވިސް ކޮމިޓީންނެވެ.

މުނިސިޕަލް ސާވިސަސް ކޮމިޓީގެ 58 ވަނަ ބައްދަލުވުމުގައި ވަނީ މާލެ އާއި ވިލިމާލޭގެ ފަޅުތަކާއި ބަނދަރުތައް ބޭނުން ކުރުމާއި، އެތަންތަނުން އުޅަނދުފަހަރަށް ފައްތިޔާ އަދި ފަޅުހުއްދަ ފީނެގުމުގެ އިތުރުން މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ އަގު ހެޔޮކުރުމަށް ނިންމާފައެވެ.

މުނިސިޕަލް ސާވިސަސް ކޮމިޓީން ވަނީ މާލޭ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ ފީ އާއި މާލެއާއި ވިލިމާލޭ ފަޅުން ދޫކުރާ ފައްތިޔާ އަދި ފަޅު ހުއްދަ ފީ ކުޑަކުރަން ނިންމާފައިވެއެވެ.

ސިޓީ ކައުންސިލުން ވަނީ އަގުތަކަށް ގެނައި ބަދަލު މިހާރު ގެޒެޓްކޮށްފައެވެ.

ގެޒެޓްގައިވާ ގޮތުން ދާއިމީ ފަޅު ހުއްދަ ފީގެ ގޮތުގައި މިއަދާ ހަމައަށް ނަގަމުން އައީ އަމިއްލަ އުޅަނދުތަކުން ކޮންމެ މީޓަރަކަށް ތިން ރުފިޔާއެވެ. އަދި ކުންފުނިތަކުގެ އުޅަނދެއް ނަމަ އުޅަނދުގެ ދިގުމިނުން ކޮންމެ މީޓަރަކަށް ފަސް ރުފިޔާއެވެ. ނަމަވެސް އެ ފީއިން 2 ރުފިޔާ ވަނީ އަގުހެޔޮކޮށްފައެވެ.

މަގު ބަންދުނުކޮށް މަސައްކަތް ކުރުމުގެ ހުއްދަ 24 ގަޑިއިރަށް 100 ރުފިޔާ ދައްކަން ޖެހޭއިރު، ބޯޑު ހަވާލުކުރަންޖެހޭ މުއްދަތު ހަމަވުމަށްފަހު އިތުރުވާ ކޮންމެ ދުވަހަކަށް 150 ރުފިޔާ ދައްކަންޖެހެއެވެ.

މަގު ބަންދުކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ އުމްރާނީ ގޮތުން ކުރާ މަސައްކަތްތަކަށް ހުއްދަދެވޭ ފުރަތަމަ 6 ގަޑިއިރަށް 250 ރުފިޔާ، އުމްރާނީ ގޮތުން ކުރާ މަސައްކަތްތަކަށް ހުއްދަދެވޭ ފުރަތަމަ 6 ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް 100 ރުފިޔާ ނެގުމަށްވެސް ވަނީ ނިންމާފައެވެ.