ސްޓެމް މާއްދާތަކަށް ސްކޫލް ކުދިންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އުރީދޫ މޯލްޑިވްސްއިން ސްޓެމް ފެއާއެއް ބާއްވަން ތައްޔާރުވެެއްޖެއެވެ.

Ads by Asuru

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އުރީދޫއިން ކުރިއަށްގެންދާ މި ފެއާގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ފަދަ ތަފާތު ސްޓެމް ދާއިރާތަކުން ދަރިވަރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ދައްކާލެވޭނެއެވެ.

މި ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މާރޗްއިން 3 މާޗް 2023ގެ ނިޔަލަށް، އިއްޒުއްދީން ސްކޫލް ހޯލުގައެވެ.

އުރީދޫ ސްޓެމް ފެއާ މަގުސަދަކީ، ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވައި ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބުގެ ބޭނުން ކުރިއެރުވުމަށް މަގުފަހިކުރުން ކަމަށް އުރީދޫއިން ބުންޏެބެ. މި ފެއާ ވެގެންދާނީ ސްޓެމް މާއްދާތައް ތަޖުރިބާކޮށް، އިންޑަސްޓްރީގެ ފަންނުވެރިންގެ ކިބައިން އިބުރަތް ހާސިލުކޮށް، އެކުދިންގެ އުފެއްދުންތެރިކަމާއި، އީޖާދީ ވިސްނުމާއި ފަންނީ ހުނަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ، ތައުލީމީ އަދި ހިތްވަރު ލިބޭ ތަޖުރިބާއަކަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ރާއްޖޭގެ ޒުވާނުންގެ މެދުގައި ސްޓެމް މާއްދާތަކުގެ ތައުލީމު ކުރިއެރުވުމަކީ މުހިންމުކަމެއް ކަމަށެވެ. އެހެންކަމުން އުރީދޫ ސްޓެމް ފެއާއަކީ ދަރިވަރުންގެ ހުނަރާއި ވިސްނުން ދައްކާލައި، އިބުރަތް ހާސިލުކޮށް، އެކުދިންގެ ވަށައިގެން ހިނގަމުންދާ އީޖާދުތަކުން ހިތްވަރު ލިބިގަތުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސްޓެމް ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން ދެނެގަނެ، އެކުދިންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ އުފަލެއް ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ސްޓެމް ފެއާއަކީ ބައިވެރިވާ ހުރިހާ ދަރިވަރުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މަޖާ، އިބުރަތްތެރި އަދި ތައުލީމީ ހަރަކާތަކަށް ވެގެންދާނެ ކަމަަށް އުރީދޫއިން ބުންޏެވެ.

އާންމުންނަށް ހުޅުވާލާފައިވާ މި ފެއާއަށް ޒިޔާރަތްކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އުރީދޫއިން ދައުވަތު ދެއެވެ.