1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި، ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމަކާއި ޙައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމެކެވެ.

މީގެ ތެރެއިން ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި، ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުން ޤާއިމްކޮށްފައިވަނީ އަލްއަދިއްލާ ކޮމްޕެނީއާއެކުގައެވެ. މިއެއްބަސްވުމުގައި ސޮއިުރުން އޮތީ އަލްއަދިއްލާ ކޮމްޕެނީގެ އިދާރާގައި މިމަހުގެ 25 ވަނަ ދުވަހުއެވެ.

ޙައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުން ޤާއިމްކޮށްފައިވަނީ ޟުޔޫފުލްބައިތު ކޮމްޕެނީއާއެކުއެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ ޟުޔޫފުލްބައިތު ކޮމްޕެނީގެ އިދާރާގައި މިމަހުގެ 25ވަނަ ދުވަހުއެވެ. މި ދެ މިއެއްބަސްވުމުގައިވެސް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއެވެ.

ސޮއިކުރެއްވުމުގެ ރަސްމިއްޔާތުތަކުގައި ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ.

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ސަޢޫދީ ސަރުކާރުން ދެއްވާ ރަސްމީ ކޯޓާގެ ގޮތުގައި 1000 ކޯޓާ މިއަހަރުވެސް ވަނީ ރާއްޖެއަށް ލިބިފައެވެ. އަދި އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށްވަނީ މިހާރުވަނީ ހުޅުވާލާފައެވެ.