ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލު ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން ޢިމާރާތްކޮށްފައިވާ ހިރިލަންދޫ ފެނަކަ އޮފީސް އިމާރާތް ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މިހާރު ހިރިލަންދުއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހިރިލަންދޫ ފެނަކަ އިންޖީނުގެ ސަރަހައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނަށާއި، ވަފުދުގެ ބޭފުޅުންނަށް ހިރިލަންދޫ ރައްޔިތުންގެ ފަރާތުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޤައުމު ތަރައްޤީ ވާނީ ރައްޔިތުން ތަރައްޤީވެގެން ކަމަށާއި، ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން ކަމަށެވެ. މިސަރުކާރުން ތަރައްޤީ ގެނައުމުގައި ވަކިރަށެއް ތަފާތު ނުކުރާ ކަމަށާ މިގޮތުން ހިރިލަންދޫގެ ތަރައްޤީއަށް ކުރެވުންދާ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކަރަންޓްގެ ހާލަތުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ހިރިލަންދޫގެ ކަރަންޓްގެ ޙާލަތުވެސް ރަނގަޅު ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލަށް މިހުޅުވުނު އިންޖީނުގޭގެ އޮފީސް ޢިމާރާތާއި އެކު މުވައްޒަފުންނަށް ފަސޭހަތަކާއި، ޚިދުމަތްތައް ފުރިހަމަ ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އަލަށް މިހުޅުވުނު އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައި ވަނީ ހިރިލަންދޫގެ ރައްޔިތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖެ ތަރައްޤީކުރެވެމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް ލިބެމުން އައި އާމްދަނީއާ އަޅާބަލާއިރު މީގެކުރިން ރާއްޖެ އޮތީ ތަރައްޤީވާންވީ މިންވަރަށް ތަރައްޤީ ނުވެކަމަށެވެ. މިގޮތުން މިސަރުކާރު އައިއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާ ނަރުދަމާ އާއި ކަރަންޓް ފަދަ އެންމެ އަސާސީކަންކަންވެސް ފުރިހަމަވެފައި ނެތްކަން ފާހަގަކުރެއްވިއެވެ.