”އިންޑިއާ އައުޓް“ އަކީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ހިންގާ ހަރަކާތެއް ކަމަށް ބުނާ ފަރާތްތަކަށް މާލެ ސިޓީގެ މޭޔަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްދު ދެއްވައިިފިއެވެ.

Ads by Asuru

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ”އިންޑިއާ އައުޓް“ ކެމްޕެއިން ކުރިއަށް ގެންދިޔުން މުހިންމުވާ ސަބަބުތައް ވިދާޅުވެދެއްވައިފައެވެ.

އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

”މިހާރު މި ގައުމު މިއޮތް ހާލަތަށް ބަލާއިރު، އެމްޑީޕީގެ މެމްބަރުންވެސް ގަބޫލު ކުރާ ހަގީގަތް މިއީ، މިވަގުތު މިއޮތީ، އިންޑިއާގެ އަޅުވެތިކަމުގެ ތެރޭގައި ހަމަ.“ މުއިއްޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންޑިއާގެ އަޅުވެތިކަމުން މި ގައުމު ސަލާމަތް ނުކުރެވިއްޖެނަމަ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަންނައިރު ގައުމަށް އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.

”ގައުމުގެ މިނިވަންކަމަށްޓަކާ، މުސްތަގްބަލަށްޓަކާ އެބަޖެހޭ މި ގައުމުގައި މިތިބި އިންޑިއާގެ މިލިޓަރީ ޕްރެސެންސް ނިމުމަކަށް ގެނެވޭނެ މަގުތަކެއް ފަހި ކުރަން.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ”އިންޑިއާ އައުޓް“ އަކީ އިދިކޮޅު ޕީޕީއެމުން ދައްކާ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި، އެވާހަކަ ދައްކަނީ ގައުމުގެ މިނިވަންކަން ދިފާއު ކުރުމަަށް ކަަމަށެވެ.

”މާލެ ސަރަހައްދަށް ބެލިޔަސް، އެންމެ އުތުރުން ހަނިމާދޫ، ދެކުނުން އައްޑޫއަށް ބެލިޔަސް، ހުރިހާ ދިމާލެއްގައި މި ފެންނަނީ އިންޑިއާގެ މިލިޓަރީ ޕްރެސެންސް. އެކި ގޮތްގޮތުން އައިސް ތިބި މީހުން، އެއީއެއް ނޫން އަޅުގަނޑުމެން ބޭނުންވާ ތަަރައްގީ އަކީ. އެއީއެއް ނޫން އަޅުގަނޑުމެން ބޭނުންވާ މުސްތަގްބަލަކީ.“ މޭޔަރު ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެވަޑައިގެންނެވި ފަހުން، ”އިންޑިއާ އައުޓް“ ކެމްޕެއިން ވަރަށް ބޮޑަށް ފުޅާކޮށްފައިވާއިރު، މި ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައިފައެވެ.