ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސް ނުވަތަ ”ސްޓެމް“ ތައުލީމާއި މެދު ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އުރީދޫއިން އިސްނަގައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސްއާއެކު ކުރިއަށްގެންދާ ”އުރީދޫ ސްޓެމް ފެއާ“ މިއަދު އާއްމުންނަށް ހުޅުވައިލާނެއެވެ.

Ads by Asuru

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފެއާ ފަށާފައިވަނީ ހުކުރު ދުވަހު އިއްޒުއްދީން ސްކޫލް ހޯލުގައެވެ.

މި ފެއާގައި މުޅިއަކު 7 ސްކޫލަކުން ނޮވިސް، ޖޫނިއަރ އަދި ސީނިއަރ ކެޓަގަރީގައި ވަނީ ބައިވެރިވެފައިއެވެ.

މި ފެއާގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އާއި އިސްކަންދަރު ސްކޫލާއި ބްރައިޓްވޭ އިންޓަނޭޝަނަލް އާއި މަޖީދިއްޔާ ސްކޫލާއި ކަލާފާނު ސްކޫލް ހިމެނެއެވެ.

މި ފެއާގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައި ވަނީ ފެއާގައި ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓްތަކަށް ފަނޑިޔާރުން ބަލާ މާކްސް ދިނުމަށެވެ. ޖަޖުން ގެ ފަނޑިޔާރުކަން ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 10:00 ކުރިއަށްދާނެއެވެ.

މި ފެއާ އާންމުންނަށް ހުޅުވާލާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޙިދުމަތްތަކާއެކު ހުރިހާ ސިނާއަތްތަކެއްގެ މަސައްކަތުގެ ވައްޓަފާޅިއަށް ވެސް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި ޓެކްނޮލޮޖީ ކުރިއަރަމުން މިދާ ބާރު ސްޕީޑާއެކު މި ބަދަލުތައް އިތުރުވެގެންދާނެ ކަމަށާއި އެހެންކަމުން ދުނިޔޭގެ ބަދަލުވަމުންދާ މާހައުލަށް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.