ކޮންމެ ދުވަހެއްގެ ތާވަލުގައި ވެސް އެންމެ ފުރަތަމަ ކަމަކީ ނަމާދުކަމަށް ހަދަން ޖެހޭ ކަމަށް ޝައިޚް ޙުސައިން ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Asuru
”ނަމާދު: މުސްލިމާގެ ދީނާއި ދުނިޔެ“ މި މައުޟޫޢަށް ރޭ ބޭއްވި އިހުޔާ ފޯރަމްގައި އޭނަ ނަމާދުގެ މުހިންމުކަމަށް ވަރަށް ތަފްސީލުކޮށް ދެއްވައިފައެވެ.

ޝެއިހް ވިދާޅުވި ގޮތުގައި މުސްލިމެއްގެ ދިރިއުޅުން ކުރިއަަށް ގެންދިއުމުގައި އެންމެ އިސްކަން ދޭން ޖެހޭ ތަރުތީބަށް ބަލާ އިރު އަބަދު ވެސް އެންމެ ބޮޑަށް ފަރުވާތެރިވާން ޖެހެނީ އަދި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ދީނުގެ ތަނބު ކަމަށްވާ ނަމާދަށް ކަމަށެވެ.

ނަމަވެސް މުޖުތަމައަށް ބަލާލުމުން މިހާރު ފެންނަނީ ނަމާދަކީ ކުރަން ހުންނަ އެހެނިހެން ކަންކަން ކޮށްފައި ހުސް ވަގުތެއް ލިބިއްޖެ ނަމަ ކުރާ ކަމެއްގެ ގޮތުގައި ދެކޭތަން ކަމަށް ޝައިހު ސައީދު ވިދާޅުވިއެވެ.

އެހެންވެ ނަމާދަށް ފަރުވާ ކުޑަނުކުރަން ނަސޭހަތްތެރިވަމުން ޝައިޚް ވަނީ އަބަދު ވެސް ކުރާ މަސައްކަތެއް ކުރަން ޖެހޭނީ، ރާވަން ޖެހޭނީ ވެސް އެންމެ ފުރަތަމަ ނަމާދު ކުރެވޭ ގޮތަށް ކަމަށެވެ.

އެގޮތުން ތަންތަނުގެ އިސްވެރިންނާއި ކަންކަން ރާވާ ހިންގާ ބޭފުޅުން ވެސް އެ ބޭފުޅުންގެ ދަށަށް ތިއްބަވާ މުވައްޒަފުންނަށް ނަމާދު ކުރުމަށް ބާރުއެޅުމާއި ނަމާދު ކުރުމަށް ވަގުުތު ދިނުމާއި އިމާރާތްތައްކުރާ އިރު ވެސް ނަމާދުކުރެވޭނެ ތަންތަން ހަދައި ނަމާދަށް ބާރު އެޅުމަށް އިލްތިމާސްކުރެއްވިއެވެ.

ނަމާދުކުރާ މީހާ އާއި ނަމާދު ނުކުރާ މީހެއްގެ ދިރިއުޅުމަށް ބައްލަވަމުން ޝައިޚް ވިދާޅުވީ ނަމާދު ނުކުރާ މީހަކާ ނަމާދުކުރާ މީހެއްގެ ތަފާތު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެގޮތުން ނަމާދުކުރާ މީހާގެ ދިރިއުޅުން ވަރަށް ތަރުތީބުވާނެ ކަމަށެވެ. ވަގުތަށް ނަމާދުކުރާ މީހާއަކީ ވަކި ގޮތަކަށް އޭނާގެ ދިރިއުޅުމުގެ ކަންކަން ތަރުތީބުވެގެންވާ މީހެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެންމެންނަކީ ވަގުތަށް ނަމާދުކުރާ ބަޔަކަށްވުމަށްޓަކައި މާތް ރަސްކަލާނގެ ހަޟްރަތުގައި ދުޢާ ދަންނަވައި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަދައަކުން އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ބަޔަކަށް ވެވޭތޯ ދުއާ ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.