މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި ހަނދު ސާބިތުކުރުމުގެ ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 20:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިއުލާނު ކުރުމަށް ހަމަޖެހިފައިވާއިރު ޓީވީ/ރޭޑިއޯއިން ޖަލްސާ ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖުންވެސް ލައިވްކުރާނެއެވެ.
ޝައްވާލުމަހުގެ ހަނދާބެހޭ ގޮތުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިއްޔެ އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ އިތުބާރު ހުރި ފަލަކީ ހިސާބު ކަށަވަރުކޮށްދޭ ގޮތުގައި މި ހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަސް ވާނީ 29 ދުވަހުގެ މަހަކަށް ކަމަށެވެ.
”މިހެން މިދެންނެވީ 20 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމަށްފަހު، ވަރަށް ގިނަ އިސްލާމީ ގައުމުތަކަށް ހަނދު ނޯއްސި ހުންނާނެތީ.“
އެގޮތުން ރާއްޖެއަށް އެ ދުވަހު އިރުއޮއްސެނީ ހަވީރު 6:11 މިނެޓުގައި ކަމަށާއި ހަނދު އޮއްސެނީ 6:27 މިނެޓުގައިކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.