މާބަނޑު ދުވަސްވަރު ދަރިފުޅަށް ބޭނުންވާ ނިއުޓްރިޝަން ފޯރުކޮށްދިނުމަށް ބަރޯސާވަނީ ތިބާއަށެވެ. އެހެންވީމާ، ތުއްތު ދަރިފުޅަށް – އަދި އަމިއްލަ ނަފްސަށްވެސް އެންމެ ރަނގަޅު ކާނާ އިޚްތިޔާރު ކުރުމަކީ ބޭނުންތެރި ކަމެކެވެ.

Ads by Asuru

އެގޮތުން، ގިނަ އަދަދަކަށް މޭވާ އާއި ތަރުކާރީ ހިމެނޭ ގޮތަށް ބެލެންސްޑް ޑައިޓެއް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ޑައިޓެއްގައި، ތިބާއާއި ތުއްތު ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ގިނަ ކަންތައްތަކެއް ހުރެއެވެ.

އެހެންކަމުން، ތިބާއަށާއި ދަރިފުޅަށް އެންމެ ފައިދާ ކުރުވަނިވި ކާތަކެތީގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. އަދި ހަނދާން ނައްތައިނުލާށެވެ: ފިނިކުރި އަދި ކޭންކޮށްފައި ހުންނަ މޭވާއާއި ތަރުކާރީއަކީ ގިނަ ފަހަރަށް ތާޒާ ބާވަތްތަކާ އެއްވަރަށް ހަށިގަނޑަށް ފައިދާހުރި ބާވަތްތަކެކެވެ. އެހެންކަމުން ހުރިހާ މޭވާއެއް ސީދާ ދަނޑުވެރިންގެ މާރުކޭޓުން ހޯދަން ޖެހޭ ކަމަށް ހީނުކުރާށެވެ.

މާބަނޑު ދުވަސްވަރު މޭވާ ކެއުމުން ލިބޭ ފައިދާ

މާބަނޑު ދުވަސްވަރު ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި ކެލޮރީތަކުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަގީގަތުގައި މާބަނޑު ދުވަސްވަރު ގިނައިން ޖަންކް ފުޑް ކާނަމަ، ފެޓާއި ހަކުރަށް އިސްކަން ދިނުމަށް ތުއްތު ދަރިފުޅަށް އެ ހުޅުވާޅެވެނީ ދޮރެއް ކަމަށް 2013 ވަނަ އަހަރު ކުރި ދިރާސާއަކުން ވަނީ ދައްކައިފައެވެ.

މޭވާ އާއި ތަރުކާރީއަކީ ނިއުޓްރިއަންޓްސް އިން ފުރިގެންވާ އެއްޗެކެވެ. ކެއުމުގައި ތަފާތު ވައްތަރުގެ ބާވަތްތައް ހިމެނުމުން، ތިމާއާއި ތުއްތު ދަރިފުޅަށް ބޭނުންވާ ވިޓަމިންސް، މިނަރަލްސް އަދި ފައިބަރު އެންމެ ގިނައިން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

މޭވާ އާއި ތަރުކާރީ ކެއުމުން މާބަނޑު ދުވަސްވަރު އާންމުކޮށް ފެންނަ އަލާމާތެއް ކަމުގައިވާ ބަނޑުހައިހޫނުކަމުން ވެސް ދުރުކޮށްދެއެވެ.

މާބަނޑު ދުވަސްވަރު ފޮނި އެއްޗެއް ކާން ބޭނުންވެދާނެއެވެ. ނަމަވެސް ތިބާގެ ހިތްހަމަޖެއްސުމަށް ކޭކު ކޮޅެއް ނުވަތަ ކެންޑީ ބާއެއް ކާލަން އާދަ ނުކުރަން މަސައްކަތް ކުރާށެވެ. މޭވާއަކީ އެންމެ ފުރިހަމަ ހައްލެވެ.

މިއީ ތިމާ އެދޭ މީރުކަމާއި ބޭނުންވާ ނިއުޓްރިޝަން ފޯރުކޮށްދޭ އެއްޗެކެވެ. ސެލެޑްގައި، ސްމޫތީގައި، ޔޯގަޓްގެ މައްޗަށް، ނުވަތަ ކޮންމެ ވަގުތަކު ވެސް ނާސްތާއެއްގެ ގޮތުގައި މި މޭވާތައް ބޭނުން ކުރާށެވެ.

މިގޮތުން، އޮރެންޖާއި، އަނބާއި، އަވަކާޑޯއާއި، އަންނާރާއި، ކަދުރާއި، ކަރާ ފަދަ މޭވާތައް ކެއުމަކީ އެދެވިގެންވާ ކަމެކެވެ.