...
Advertisement
”އެކްސްޕީރިއަންސް މޯލްޑިވްސް“ގެ ސަބަބުން ފަތުރުވެރިކަމާ އިގްތިސާދު ކުރިއަރާނެ: ނައިބު ރައީސް

މި ކެމްޕެއިން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ބޭންކް އޮފް މޯލްޑިވްސް އަދި އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރިޔަށްގެންދާ މި ކެމްޕެއިންނަށް ތައުރީފުކުރައްވައި، ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާ އިގްތިސާދު ބާރަށް ކުރިޔަށް ދިއުމަށް މަގުފަހިގެންދާނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

Ads by Asuru

ކުރުނބާ މޯލްޑިވްސް ރިޒޯޓުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެމަނިކުފާނު ވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގައި ނަން މަޝްހޫރު އަދި ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަކުރައްވައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖެއިން އަދާކުރާ ފުރިހަމަ މެހުމާންދާރީކަން ފާހަގަކުރައްވާފައެވެ.

އަދި ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު އެއް މަންޒިލަކަށް ވެގެންދިއުމުގެ މައިގަނޑު އެއް ސަބަބަކީވެސް ފަތުރުވެރިންނާމެދު ބަހައްޓާ ގާތް ރަޙްމަތްތެރިކަމާ އަދާކުރާ މެހުމާންދާރީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، ”އެކްސްޕީރިއަންސް މޯލްޑިވްސް“ ކެމްޕެއިންގެ ސަބަބުން އަދި މިހާރަށްވުރެ އިތުރު މީހުންނަށްވެސް ދިވެހިރާއްޖެ ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ ނިޞްބަތަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބައިލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމާ އަދި އެއީ ރިކޯޑް ޢަދަދެއްކަން ފާހަގަކުރައްވާފައެވެ. ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައި އަޅާބަލާއިރު އެއީ 12.6 އިން ސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑުގެ ޢާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަނެވި ފަތުރުވެރިކަން ކުރިއެކޭ އެއްގޮތަށް އަލުން އިއާދަވުމުގައި، ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް އަދާކުރި މުހިންމު ދަޢުރު ފާހަގަކުރައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއްގެ އިތުރުން ދުނިޔޭގެ އެތައްހާސް ބައެއްގެ ސަމާލުކަމަށް ރާއްޖެއަށް ލިބިގެންދާނެ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއާ އެމެރިކަން އެކްސްޕްރެސް ގުޅިގެން ކުރެވޭ މި އީޖާދީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން، އެކި ގިންތިތަކަށް ވާސިލުވެ، ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދެވޭނެކަން ޔަގީން ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން 100 މިލިއަން މީހުންނާ ހަމައަށް ވާޞިލުވުމަށް އަމާޒުހިފައިގެން ކުރިޔަށް ގެންދާ މިކެންޕެއިން، އެދެވޭ މިންވަރެއްގެ ގިނަ ބަޔަކާއި ހަމައަށް ވާސިލުވާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރިޒޯޓްތަކާއި ގެސްޓްހައުސްތަކާއި އަދި ގެސްޓްހޮޓާ ފަދަ ތަންތަން ހިމެނޭގޮތަށް، މިއަހަރު މި ކެމްޕެއިނުގައި ބައިވެރިވާ 40 ވިޔަފާރިއަކަށް މި ކެމްޕެއިނާއި އެކު ފަހިވެގެންދާނެ މުހިންމު ފުރުޞަތުތަކަށްވެސް އަލިއަޅުވާލެއްވިއެވެ.

Ads by ooredoo maldives